ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލި ދެ ދައުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާގުޅިގެން 7 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްކޮށްފައިވެއެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، މިކުށުގެ އަދަބަކީ 1 ލައްކަ ރުފިޔާއާއި، 1 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމަށް ބޭނުންކުރި ފައިސާ އަދަދުގެ ލޯންޑާކުރި ފައިސާގެ އަދަދުގެ 5 ގުނައަށްވުރެ އިތުރުނުވާނެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަކަށް ޖަލަށްލުންކަމަށެވެ.
އަދި މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުން އަމަލުކޮށްފައިވާ ގޮތަށާއި، އަމަލުކުރިއިރު ދައުވާ ލިބޭ ފަރާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި މީހެއްކަން އެނގެން އޮތުމުން އެންމެހާ ކަންކަމަށް ބަލާ ދައުވާ ލިބޭ ރައީސް ޔާމީނުގެ މައްޗަށް މި މައްސަލައިގައި ކަނޑައެޅޭ އަދަބަކީ 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުންކަމަށް ގާޒީ ވިދާޅުވިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ސާބިތުވި އަނެއް ދައުވާއަކީ ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވުމާގުޅިގެން 4 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.
އެ މައްސަލައިގައި ދައުލަތުން އެދުނީ ރައީސް ޔާމީނަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އެގޮތުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ދައުލަތުން އެދުނީ ރައީސް ޔާމީންގެ މައްޗަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އަދި މަނީ ލޯންޑަރިންގެ ކުށަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ވެސް ދައުލަތުން އެދުނެވެ.
އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން ދިފާއުން އެދުނީ މަޝްވަރާކޮށްލުމަށް އިތުރު ފުރުސަތު ދިނުމަށެވެ.
ދޮޅު ގަޑިއިރެއްހާއިރަށް މެދުކަނޑާލުމަށްފަހު އަލުން ޝަރީއަތް ފެށުމުން ވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ އަޑުއެހުމުގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އުޒުރުވެރިވެފައެވެ.
"ދައުލަތުން އަދަބާ ގުޅޭ ގޮތުން ދެއްކި ވާހަކައިން އަޅުގަނޑަށް ފާހަގަކުރެވުނީ ކޯޓުގެ ހުކުމް އަންނާނެ ގޮތް ކުރިއަލާ އެނގިތިބެ ތައްޔާރުކޮށްފައިވާ ބަޔާނެއްކަން. އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދޮޅުގަނޑިއިރުގެ މުއްދަތަކީ އެއީ އެކަށީގެންވާ ވަގުތެއްކަން އަޅުގަނޑުމެން ނުދެކެން," ރައީސް ޔާމީންގެ ވަކީލް އަބްދުالله ސިޔާޒް ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, ދެ ފަރާތަށް ވެސް ހުކުމް އަންނާނެ ގޮތް ކުރިއަލާ އެނގިފައި ނުވާނެ ކަމަށާއި މައްސަލަ ސާބިތުވެއްޖެ ނަމަ ދެން އޮންނާނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުންކަން ގާނޫނީ ވަކީލުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
"އެހެންވީމަ ދައުވާ ލިބޭ ފަރާތުން މައްސަލައިގައި އަދަބާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ނެތީކަމަށް ޝަރީއަތުން ދެކެން," ގާޒީ ޝަކީލް ވިދާޅުވިއެވެ.
ހުކުމް އިއްވާފައި ވަނީ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ޝަރީއަތް މެދު ކަނޑާލުމަށް ފަހުގައެވެ.