twitterviber whatsapp telegramfacebookyoutube instagram
25th April 2024

"ބޮޑު މުހައްމަދު ކަލޭފާނު"ގެ ނަމުން އާ ބަނދަރަށް ނަން ދީފި

ނަބީލާ އިސްމާޢީލް
Jan 4, 2023
1

މަޝްހޫރު އުތުރު ގަޑުބަޑުގެ ލީޑަރު ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ނަމުން އެރަށުގައި އަލަށް ތަރައްގީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ބަނދަރަށް ނަން ދީފި އެވެ.

އާ ބަނދަރަށް ބޮޑު މުހައްމަދު ކަލޭގެފާނުގެ ނަމުން ނަންދިނުމަށް ސިޓީ ކައުންސިލުން ނިންމާފައިމިވަނީ މިއަދު އޮތް އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 84 ވަނަ އާންމު ބައްދަލުވުމުގެ ޖަލްސާގަ އެވެ.

ޖަލްސާގެ ބަހުސްއަށް ހުޅުވާލަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ މި ފަދަ ތަންތަނަށް ނަން ކިޔާއިރުގައި ކުޅުދުއްފުއްޓަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ރަށުގެ މަޝްހޫރު ސަހުސިޔަތުންގެ ނަމުން ނަންދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ހިދުމަތްތެރިންގެ ނަން އަދި އެ ބޭފުޅުންގެ ހިދުމަތް ވާސިލްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން. އެހެން ކަމުން އަޅުގަނޑު ހުށަހަޅަން ރަސްމީ ނަމެއްގެ ގޮތުގައި ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރު މި ބަނދަރަށް ކިޔަން." މޭޔަރު ވިދާޅުވި އެވެ.

އެގޮތުން މި ޖަލްސާގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ބަނދަރަށް ފާސްކުރުމަށް ހުޅުވާލި ފުރުސަތުގައި އެޖެންޑާގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ކައުންސިލަރު މުހައްމަދު ދާއޫދު ވަނީ ދެވަނަ ނަމެއް ހުށަހަޅާފަ އެވެ.

ކައުންސިލަރު މުހައްމަދު ވިދާޅުވީ މިފަދަ ތަނެއް ނިމި ހުޅުވަން ތައްޔާރުވާއިރު ރަށާ ގުޅޭ ރަނގަޅު ރީތި ނަމެއް ކިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އެ ގޮތުން މޭޔަރު ހުށަހެޅުއްވި ނަމަށް ތާއީދު ކުރައްވާ މުހައްމަދު ވަނީ މާލިމީ ބަނދަރު ނަމުން އެ ބަނދަރަށް ނަން ދިނުމަށް ހުށަހަޅުއްވާފަ އެވެ.

އޭނާ ވިދާޅޫވީ ކުޅުދުއްފުއްޓަކީ ވަރަށް ވަރުގަދަ މާލިމީން ތަކެއް އުފެދިފަ އަދި ވަރަށް ގިނަ ބޯޓު ދަތުރު ކުރާ މީހުންވެސް އުފެދިފައިވާ ރަށެއް ކަމުން އެ މީހުންނާވެސް ގުޅޭގޮތައް މާލިމީންތަކެއް އުޅޭ ރަށެއް ކަމަށެވެ.

ޖަލްސާގައި ބަހުސްގެ މަރުހަލާ ނިމި މޭޔަރު މުހައްމަދު އާތިފް ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ކުޅުދުއްފުށީ އަލަށް ހުޅުވަން ތައްޔާރުވެފައިވާ ބަނދަރަށް "ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރު"ގެ ނަން މި ބަނދަރަ ކިއުމަށް ފާސްވެފަ އެވެ.

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނަކީ އުތުރުގެ އުދަރެހުން ފާޅުވި، ވަރުގަދަ ސިޔާސީ އެކްޓިވިސްޓެކެވެ. 1943 ވަނަ އަހަރު ކާނެ ބޯނެ އެއްޗެއް ނުލިބި ހައިހޫނުކަމުގައި މަރަށް ތެޅެން ޖެހުމުން އުފެދުނު ޖަޒުބާތުތައް ވެރިންނަށް ބަންޑުންކޮށްލަން އުތުރުގެ އެތައް ހާސް ރައްޔިތުންނެއްގޮވައިގެން އެތައް ބައިވަރު އުޅަނދެއްގައި މާލެ ދިޔަ އުތުރުގެ ބޮޑުދަތުރުގެ މުގުލުގައި ހުންނެވި ވަރުގަދަ ސަހުސިއްޔަތެވެ. މިއީ މިހާތަނަށް ވެސް ރާއްޖޭގެ ވެރިކަމަކާ ދެކޮޅަށް ރައްޔިތުން ބޭއްވި އެންމެ ބޮޑު މަދަނީ ބަސްނޭހުމުގެ ހަރަކާތެވެ.

ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި ސަރުކާރާ މެދު އޮތް ރުޅި އުތުރި އަރައިގަތުމުން، އެ ހުރިހާ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގެ ބޮޑު ޒިންމާ ބޮޑު މުހައްމަދު ނެންގެވީ އެވެ. އުތީމު ބައްތެއްޔަށް އަރާވަޑައިގެން މާލެއަށް ދަތުރު ފެއްޓެވީ، ދިވެހި ބިންމީ އަހަރުމެންގެ ވެސް އުފަން ބިމޭ ވިދާޅުވަމުން އެވެ.

ސަރުކާރުގެ ހިންގުމުގެ ވެރިއަކަށް އޭރު ހުންނެވި، މުހައްމަދު އަމީން އޭނާގެ އަމިއްލަ ގަލަންކޮޅުން ލިޔުއްވާ ގޮތުގައި، ބޮޑު މުހައްމަދުގެ ކޮމާންޑަރުކަމުގައި ވެރިކަމާ ދެކޮޅަށް އަޑުއުފުލަން 552 ގަޑެތި މާލެ ފަޅަށް ޖަމާވި އެވެ. އަމީން ދީދީ ހިސާބުޖެއްސެވި ގޮތުން ނަމަ، މާލެ ފަޅު ތެރެ ފުރާލި އުތުރުގެ އޮޑިފަހަރުތަކުގައި 9،452 މީހުން ތިއްބެވެ. އުތުރުގެ ރައްޔިތުން އެ އަދަދު އެއަށް ވުރެ އިތުރުކޮށް، 15،000 އާ ހަމަޔަށް ގެން ގޮސްގެން ވެސް ވާހަކަ ދައްކަ އެވެ. އޭރު ރާއްޖޭގެ އާބާދީއަކީ، 70،000 ކަމަށްލަފާކޮށްގެން ހިސާބެއް ޖަހާ ނަމަ، ރާއްޖޭގެ މުޅި އާބާދީގެ 13 ޕަސެންޓް މީހުން އެވަނީ، ބޮޑު މުހައްމަދުގެ ފަހަތުގައި އޭނާއަށް ކިޔަމަންވެ ދިވެހި ދައުލަތާ ދެކޮޅަށް ނިކުމެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355