ހދ ހަނިމާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 200 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެރަށުން ދޫކުރާ 200 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ މިމަހުގެ 16 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި އެރަށު އިޖްތިމާއީ މަރުކަޒުގައިކަމަށެވެ.
ކައުންސިލުން ބުނީ ގުރުނަގަމުން ގެންދާނީ ކައުންސިލުން އާއްމުކޮށްފައިވާ ހަނިމާދޫއިން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގެ ތަރުތީބުން ކޮންމެ ގޯއްޗަކަށް ދެވިފައިވާ ނަންބަރު ލިޔެފައިވާ ކަރުދާސްތައް އެކަމަށް ހާއްސަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު ނެގޭ އެއްގަނޑުކޮޅަކުން ކަމަށެވެ.
ގުރުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަވާނެ ކަމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނެ ސިޓީއަކާއި ފޮނުވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ގުރުނަގަން ހާޒިރުނުވާ ފަރާތްތަކުގެ ގުރުނަގާނީ އެންމެ ފަހުންކަމަށާއި މިގުރުތަށް ނަގާނީ ވިލަރެސް ކޮމެޓީން ކަނޑައަޅާ ފަރާތެކަމަށްވެސް އެ ކައުންސލިން ވަނީ ބުނެފަ އެވެ.
ހަނިމާދޫއިން ދޫކުރުމަށް ނިންމާފައިވަނީ 3000 އަކަފޫޓުގެ 200 ގޯއްޗެވެ. އެރަށުން މީހުން ދިރިއުޅެން ބަންޑާރަ ގޯތި ދޫކުރަން ކައުންސިލުން ހުޅުވާލާފައި މިވަނީ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ފަހުންނެވެ. މި 200 ގޯތި ހާއްސަކޮށްފައިވަނީ ރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ.