ކޮވިޑުގެ ކުރިން ހައްޖުވެރިންނަށް ދިން ހައްޖު ކޯޓާ ހަމަ އެވަރަށް މިއަހަރުގެ ހައްޖުވެރިންނަށް ދޭނެ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފި އެވެ.
ކޮވިޑާއި ގުޅިގެން ހައްޖަށް މީހުން ގެންދަމުން އައި އަދަދުތަކަށް ބަދަލު ގެނައުމަށްފަހު މިއަހަރު އަލުން ކޯޓާއަށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.
ހައްޖުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ގުޅިގެން މަޝްވަރާކުރުމަށް ބާއްވާ "ހައްޖު އެކްސްޕޯ 2023" ގައި ވާހަކަފުޅު ދައްކަވަމުން ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ތައުފީގް އަލްރަބީއީ ވިދާޅުވީ، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ކޯޓާ ދޭއިރު، ކުރިން ދިން އަދަދާއި އެއްވަރު ވާނެ ކަމަށެވެ. އަދި މިފަހަރު، ހުރިހާ އުމުރަކަށް ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަމުގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ހައްޖުގައި ބައިވެރިކުރުވީ އެންމެ 10،000 މީހުންނެވެ.
ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު މިދިޔަ އަހަރު ސައުދީން ވަނީ އެއްމިލިއަން މީހުންނަށް ހައްޖު ކޯޓާ ދޫކޮށްފަ އެވެ.
މިދިޔަ އަހަރު ހައްޖުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބުނީ 453 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާއަށް މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ.
މިއަހަރު ހައްޖަށްދާ މީހުންނަށް ކުރިން ދިން ކޯޓާއާ އެއްވަރަށް މީހުން ގެންދަން ނިންމާފައިވީ ނަމަވެސް ވަކިވަކި ގައުމުތަކަށް ކޯޓާ ދޭނީ ކިހާ އަދަދަކަށް ކަމެއް ސައުދީން ހާމަކޮށްފައެއް ނުވެ އެވެ.