twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ކާލް އައްޔަންކޮށްފި

ނަބީލާ އިސްމާޢީލް
Jan 14, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކާލް ސްޓުމްކަ އައްޔަންކޮށްފި އެވެ.

ކާލް ދިޔައީ މީގެ ކުރިން ބީއެމްއެލްގެ ސީއީއޯގެ މަގާމު އަދާކުރަމުން ނެވެ.

ބީއެމްއެލްއިން ބުނީ ސަރުކާރުގެ ފަރާތުން ވަނީ ކާލް ބީއެމްއެލް ބޯޑަށް އައްޔަންކޮށްފައި ކަމަށެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވުނީ މިމަހު 10 ވަނަ ދުވަހު ބޭއްވި ބޭންކުގެ ހާއްސަގޮތުންކުރާ އާންމުޖަލްސާ އަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ.

ކާލް ބޭންކުގެ ސީއީއޯ ގެ މަގާމާއި ހަވާލުވެ ބޭންކާއި ގުޅިވަޑައިގަތީ 23 އޮކްޓޫބަރު 2022 ގައެވެ.

ކާލް އަކީ ބައިނަލްއަގުވާމީ ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި 36 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ. އޭނާ ބީއެމްއެލްއާއި ގުޅިވަޑައިގަތީ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމުގައި ހުންނެވުމަށްފަހުގައެވެ.

އޭނާ އަލް އަހްލީ ބޭންކް އޮފް ކުވައިތާއި ގުޅިވަޑައިގަތީ 2010 ވަނަ އަހަރު އެބޭންކުގެ އިންޓަރނޭޝަނަލް ބޭންކިންގ ޑިވިޝަންގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައެވެ. 2017 ވަނަ އަހަރުގައި އެބޭންކުގެ ޔޫއޭއީ އޮޕަރޭޝަންގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރެއްވުމުގެ ކުރިން ކާލް ވަނީ އަލް އަހްލީި ބޭންކް އޮފް ކުވައިތުގެ ކޯޕަރޭޓް ޕޯޓްފޯލިއޯ ވަރަށް ފުޅާ ދާއިރާއެއްގައި ބަލަހައްޓަވާފައެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތާއި ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަހުރެއިންގެ ބޭންކް މަސްކަޓް އިންޓަނޭޝަނަލް ބޭންކުގެ ރީޖަނަލް ކޯޕަރޭޓް ޑިރެކްޓަރގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވައިގެން އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިންގ ގެ މަސްއޫލިއްޔަތުތައް ފުރުއްވާފައެވެ.

އަދި މީގެ އިތުރުން ކާލް ވަނީ ބާކްލޭސް ބޭންކުގެ މޮރިޝަސް ބްރާންޗުގައި ރީޖަނަލް މެނޭޖިންގ ޑިރެކްޓަރގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355