twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޖަގްޝަންތަކުގެ މަތި ޖަހާ ނުލެވި މަހެއް، އާންމު އުނދަގުލަކަށް!

އަބްދުލް ވާހިދު ޙަސަން
Jan 15, 2023
1

ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ އެމްޑީޕީގެ ޗެއާރޕާސަންގެ އިންތިހާބު ބޯމަތިވެފައި އޮއްވާ މިދިޔަ އަހަރުގެ މާރޗުމަހު 8 ވަނަ ދުވަހު އެވެ.

އަތޮޅުތެރޭގެ އެންމެ ވެހިކަލް ގިނަ ދުއްވާ މިރަށުގެ މަގު ހެދުމުގެ މަސައްކަތް ފެށުނީވެސް ސަރުކާރަށް ދެ ބައިވީފަހުންނެވެ. ބޮޑެތި ވަޅުގަނޑުތަކާއި ފެންބޮޑުވުމާއި ހިރަފުހުގެ އުނދަގޫ ބޮޑުތި މިރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ހުވަފެނެވެ.

ލަހުން ފެށި މިމަގުތަކުގެ މަސައްކަތްކުރިއަށްދާގޮތުން ރައްޔިތުން ތިބީ ކަންބޮޑުވުމެއް ތެރޭގައި އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މަގުތައް ހަދާގޮތުން މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ގެއްލޭގޮތަށް މަސައްކަތް ކުރިއަށްދާތީ އެވެ.

އެގޮތުން އަލަށް ހަދަމުންދާ މަގުތަކުގައި ވަޅުލަން ޖެހޭ ތަކެތި ވަޅު ނުލެވި މަގުތަކުން "އަތްދޫކޮށް" ނުލެވޭކަމުގެ ޝަކުވާއަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ. ބައެއް މަގުތަކުގައި ސްޓޯމް ވޯޓަރ ޖަގްޝަންތައް ވަޅުލާފައިވާއިރު އެ ޖަގްޝަންތަކުގެ މަތި ޖަހާނުލެވި ހާމައަށް ބަހައްޓާފައި ހުންނަތާ މަސް ދުވަސް ވެދާނެ އެވެ.

ރޯޝަނީމަގުގައި ދިރިއުޅޭ މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، މަގު ހަދާއިރު އާންމު ބޭނުންތައް ކުރުމުގައި ދަތިތައް ކުރިމަތިވާނެކަން ގަބޫލުކުރާ ކަމަށާ އެކަމަކު މަގުގައި ވަޅުލާ ޖަގްޝަންތަކުގެ މަތި ޖަހާނުލެވި މަސް ދުވަސް ވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

"ޖަގްޝަންތަކުގައި މަތި ނުޖަހަ ވަށައިގެން ޓޭޕް ދަމާފައި މި ހުންނަނީ. މިހެން ހުންނަތާ މިހާރު މަހެއްވެއްޖެ. މިމަގުގައި އެކަންޏެއް ނޫން. މި ޖަގްޝަންތައް ވަޅުލާފައި ހުރި ހުރިހާ މަގެއްގެ ހާލަތު މި ބުނީ." ރައްޔިތަކު ބުންޏެވެ.

އާރުޑީސީގެ ބަސް

މިކަމާ ގުޅިގެން އާރުޑީސީން ބުނީ، ސްޓޯމް ވޯޓާ ޖަގްޝަންތަކުގެ މަތިތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މަގުގައި ވަޅުލަން ޖެހޭ ތަކެތި ވަޅުލެވެމުންދާ ވަރަކުން މަގުތައް ރީތިކުރަމުންދާކަމަށްވެސް އާރުޑީސީން މައުލޫމާތު ދެއްވަ އެވެ.

މިކަމުގެ ސަބަބުން މަގުތަކުގެ ރައްކާތެރިކަން ގެއްލި، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތައް އަންނަނީ ކުރިމަތިވަމުންނެވެ. މަގު ހެދުމުގެ މަސައްކަތް ލަސްވުމުންވެސް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެކަމަކު މަގު ހެދުމުގެ މި މަޝްރޫއުން ލިބޭ ބޮޑު ހިތްހަމަޖެހުމެއްވެސް އެބައޮތެވެ. އެއީ މިމަސައްކަތުގައި މުޅިންވެސް އުޅެނީ ކުޅުދުއްފުށީގެ ޒުވާނުންނަށް ވުމުންނެވެ.

މި މަޝްރޫއުގެ ދަށުން 5.99 ކިލޯ މީޓަރު މަގުގައި ތާރު އަޅައިގެން ހަދާނެ އެވެ. އެއީ 23 މަގެވެ. މިއީ ދައުލަތުގެ ބަޖެޓުން 100 މިލިއަނަށްވުރެ ބޮޑު ހަރަދެއްގެ ކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި މަސައްކަތް 510 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355