twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހަވާލުކުރިތާ އަހަރެއްވާ އުޅެނިކޮށް ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jan 16, 2023
1

ކުޅުދުއްފުށީ އެއާޕޯޓްގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔާތްކުރަން އެމްޓީސީސީއާ ހަވާލުކުރިތާ އަހަރެއްވާ އުޅެނިކޮށް އެ މަޝްރޫއުއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރު ފެބްރުއަރީމަހު 8 ވަނަ ދުވަހުއެވެ. އެއާޕޯޓްގެ ގޮނޑުދޮށުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 42.37 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން ހަވާލުކުރީ 882 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖަހާށެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްނުގޮސް މަޑުޖެހިފައި އޮތުމަށްފަހު އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް މި ހަފުތާތެރޭގައި މިވަނީ އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރަން ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފަ އެވެ.

އެމްޓީސީސީ އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ އެ މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމުގައިވެސް ކުޅުދުއްފުށީ އެއާޕޯޓް ހުޅަނގު ފަރާތް ހިމާޔާތްކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިނަމަވެސް އީއައިއޭ ރިޕޯޓްގައި ހިމަނާފައިވާ ވަރަށް ވުރެ ކުޑަ ހިލަ ޖެހުމުގެ ސަބަބުން އެ ސަރަހައްދުން އެއްކޮށްހެން ގިރާލާފަ އެވެ. އެތަނުގެ ގޮނޑުދޮށް ހިމާޔާތްނުކުރެވުމުގެ ސަބަބުން އެއާޕޯޓް ރަންވޭގައި ލައިޓް ޖެހުމުގެ މަސައްކަތްވެސް އޮތީ މަޑުޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355