ރޭ ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާއިން ފަސް އަހަރުތެރޭ ފުރަތަމަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އަދި ކުރިން ބާސާއަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ޒަވީ ބާސާގެ ކޯޗުކަމާ ހަވާލުވި ފަހުން އެޓީމުން ހޯދި ފުރަތަމަ ކާމިޔާބީއަކީ ވެސް މިމުބާރާތުގެ ތައްޓެވެ.
ރޭ ގަދަފަދަ ރެއާލާއި ދެކޮޅަށް ކުޅެ ބާސެލޯނާއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސައުދީގެ ރިޔާދުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ ފައިނަލް ބާސާއިން ކާމިޔާބުކުރީ 3 - 1 ން ރެއާލް ބަލިކޮށެވެ.
މެޗު ފެށުނީއްސުރެ ބާސާއިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައިރު އޭގެ ނަތީޖާއެއްގެ ގޮތުން 33 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގި އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ތަރި ގަވީ އެވެ. މިއީ ރޮބާޓް ލެވަންޑޯސްކީގެ އެސިސްޓަކުން ގަވީ ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ އިރުކޮޅެއްފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަވީގެ އެސިސްޓަކުން ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން ވެސް ބާސާއިން ރަނގަޅަށް ކުޅުނުއިރު އެޓީމަށް ދެވަނަ ހާފުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޮސްމާނޭ ޑެމްބެލޭ ޖެހި ބޯޅަ ރެއާލްގެ ކުޅަދާނަ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.
ބާސާގެ ތިންވަނަ ލަނޑަކީ 69 ވަނަ މިނެޓުގައި ގަވީ އޭރިއާތެރެއިން ހުރަސްކޮށްލި ބޯޅައަކުން އެޓީމުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ކާމިޔާބުކުރި ލަނޑެކެވެ. ރެއާލްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޖަހައިދިނީ އެޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ އެވެ.