twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހަމަހަމަ ސިޔާސަތުގެ ރައީސް، ކުޅުދުއްފުށީގައި ވާހަކައެއް ނުދެއްކެވި!

ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅުއްވާކަމަށް ދައުވާކުރައްވާ ރައީސް ސޯލިހު، މިފަހަރުވެސް ކުޅުދުއްފުށީ ރައްޔިތުން ތަފާތުކުރީ އެވެ.

އަބްދުލް ވާހިދު ޙަސަން
Jan 20, 2023
2

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ފެއްޓެވީ އެމަނިކުފާނުގެ ޒައާމަތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓުމެއްނެތި ކުރިއަށްގެންދާ ހޯރަފުށިންނެވެ. އެހެންވުމުން އުތުރުގެ ފުރަތަމަ މަންޒިލުކަމުގައިވި ހޯރަފުށިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. އެއީ ގިނަ މަޝްރޫއުތައް ހުއްޓުމެއްނެތި ހިންގެވުމުގެ ފޮނި ނަތީޖާ އެވެ. އެރަށު ރައްޔިތުން އެކަން ބަލައިގަތީ ޝުކުރުވެރިކަމާއެކު އެވެ.

ހއ އަތޮޅުގެ އާބާދީ ބޮޑު ހަތަރު ރަށަށް ރައީސް ވަޑައިގަންނަވައި އާންމުންނާ ބައްދަލުކުރައްވާ އެރަށްތަކުގެ ތަރައްގީއަށް ހިންގެވި، ހިންގަވާފައި ހުރި މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަދެއްކެވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ހިންގަވާނެ މަޝްރޫއުތައްވެސް އިއުލާނުކުރައްވަމުން ގެންދެވި އެވެ. އެރަށަށް ކުރެއްވި ހަރަދުތަކުގެ ތަފުސީލުތައް ހަމަ ކޮންމެ ރަށަށް ވަޑައިގެންވެސް ރައީސް ދެއްވަ އެވެ.

ހދ އަތޮޅުގެ ދަތުރު ފެށީ ކުރިނބީންނެވެ. އެއަށްފަހު ވަޑައިގެންނެވީ ކުމުންދޫއަށެވެ. މި ދެ ރަށުގައިވެސް ރައީސް ވާހަކަދެއްކެވި އެވެ. އެހެން ރަށްތަކާ އެއްގޮތަށް މި ދެ ރަށުގައިވެސް ރައީސް ވާހަކަދެއްކެވީ މީޑިއާ ކުރިމަތީގައި އެވެ. އެހެންވުމުން ކުޅުދުއްފުށީ ރައްޔިތުންވެސް ތިބީ އެމަނިކުފާނު ކުޅުދުއްފުށީގެ ރައްޔިތުންނާ މުހާތަބުކުރައްވާ ދައްކަވާނެ ވާހަކަފުޅަކަށް ކެތްމަދުވެފަ އެވެ. ރައީސް ސޯލިހުގެ މިވެރިކަމަކީ މިހާތަނަށް އައިވެރިކަމުގެ ތެރެއިން މި ބޮޑު އާބާދީއަށް އެންމެ އަޅާލުން ކުޑަ ވެރިކަމެވެ. ގިނަ ޕްރޮޖެކްޓްތައް ހުރީ ހުއްޓިފަ އެވެ. މިރަށަށްވީ ވައުދުތަކެއް ނުފުއްދެ އެވެ. މި ހުރިހާ ސަބަބަކާ ހެދި ކުޅުދުއްފުށީ ރައްޔިތުން ތިބީ ރައީސް މިރަށަށް ވަޑައިގެން ދައްކަވާނެ ވާހަކަފުޅަކަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.

އެކަމަކު ކަން ދިމާވީ ހީކުރެވުނު ގޮތާ މުޅިން ތަފާތުކޮށްނެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅުއްވާކަމަށް ދައުވާކުރައްވާ ރައީސް ސޯލިހު، މިފަހަރުވެސް ކުޅުދުއްފުށީ ރައްޔިތުން ތަފާތުކުރީ އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށެއްގައި ބައްދަލުވުން ބާއްވާ މީޑީއާގެ ހާޒިރުގައި ވާހަކަދެއްކެވި ނަމަވެސް ކުޅުދުއްފުއްޓަށް ވަޑައިގެން އެމަނިކުފާނު ހުންނެވީ "ހަނެވެ." ވާހަކަފުޅެއް ނުދެއްކެވި އެވެ. ސޯލިހުގެ ޖަގަހައަށް ވަޑައިގެންނެވިއިރު ޖަގަހަ ބޭރުގައި ރެޑީގައި މައިކްވެސް ހުއްޓެވެ. ލައިވްކުރަން ކެމެރާތައްވެސް މައިކް ކުރިމަތީގައި ހުއްޓެވެ. އެކަމަކު އެންމެ ދެރަވެގެން މިރަށަށް މިވެނިވެ އަދަދެއް މިސަރުކާރުން ހަރަދުކޮށްފިޔޭވެސް ނުދަންނަވަ، އެންމެ ދޮޅު ގަޑިއިރު މިރަށުގައި ހުންނެވުމަށްފަހު ވަޑައިގެންނެވީ އެވެ.

ބައެއް ބޭފުޅުން މައުލޫމާތުދެއްވިގޮތުގައި ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއިރު ހުންނެވީ ނުތަނަވަސްކަމެއްގެ ތެރޭގައި އެވެ. އެކަން އެމަނިކުފާނުގެ މޫނުފުޅުން މަތިން ފެނިވަޑައިގެންވި ކަމަށެވެ. އެންމެ ފުރަތަމަ ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ނިންމީ މެންދުރުފަހު 1:30 ހާއިރުކަމަށްވިޔަސް ވަޑައިގެންނެވީ 16:10 ހާއިރު އެވެ. އެހެން ދިމާވި ސީދާ ސަބަބެއް ސާފުނުވިކަމުގައިވިޔަސް މެންދުރުންފަހުން ފެށިގެން ބަނދަރު ސަރަހައްދުގައި ޕީޕީއެމުން ދިޔައީ މުޒާހަރާކުރަމުންނެވެ. ރައީސްގެ ޖަގަހައަށް ވަޑައިގެން މީޑިއާ ނުވައްދަ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރެއްވި އެވެ. އެނގިފައިވާގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މެމްބަރުން ފާހަގަކުރެއްވީ ޕްރޮޖެކްޓްތައް ކުރިއަށްނުދާތީ އެކަމުގެ ކަންބޮޑުވުމެވެ.

ގިނަ ރައްޔިތުން އެއްބަސްވާ ގޮތުގައި އެމަނިކުފާނު މިރަށުގައި އާންމުކޮށް ވާހަކަފުޅު ނުދެއްކެވީ، ކަމެއް ކޮށްދެއްވިފައި ނެތީމަ އެވެ. އެކަން ގަބޫލުފުޅު ކުރައްވާތީ އެވެ. ށ އަތޮޅު ހިމެނޭހެން ކެމްޕެއިން މިދަތުރުފުޅުގައި އެމަނިކުފާނު 11 ރަށަކަށް ވަޑައިގެންނެވި އެވެ. އެކަމަކު ކުޅުދުއްފުށި ފިޔަވާ އެހެން ހުރިހާ ރަށެއްގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އެހެންވުމުން މީގެން އެނގިގެންދަނީ ކުޑަ ރަށާއި ބޮޑު ރަށް ތަފާތުކުރި ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355