twitterviber whatsapp telegramfacebookyoutube instagram
8th September 2024

ރީނދޫ ދަޅައިގެ ކުލަވަރުން ކުޅުދުއްފުށި ފެންނަނީ ކިހިނެއް؟

Jan 24, 2023
3

ފާއިތުވެދިޔަ ތަނުގައި، ކުޅުދުއްފުށީގެ މެޖޯރިޓީ ކާމިޔާބުކުރުމުގެ ރެކޯޑް ވެސް އޮތް ޕާޓީއަކީ އެމްޑީޕީ އެވެ. ސިޓީ ކައުންސިލް އަދި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީގެ ހުރިހާ ގޮނޑިއެއް އޮތީ އެމްޑީޕީއަށެވެ. ސިޓީއެއްގައި، އެމްޑީޕީއަށް ފުލް މެޖޯރިޓީ ދިން ހަމައެކަނި ސިޓީ އެވެ. އެމްޑީޕީގެ ސިޔާސަތުތައް ކުޅުދުއްފުށިން ވެސް ބަލައިގަތީ އެވެ. "ރީނދޫ ކުލައިގެ ދަޅަ" ބަލައިލަން ހިތްގައިމުވީ އެވެ.

އެކަމަކު އެމްޑީޕީ އިސްވެ އޮތް ސަރުކާރާއި، ސިޓީ ކައުންސިލާއި، މަޖިލީސް މެދުވެރިކޮށް އެއިން ގިނަ ސިޔާސަތުތައް ތަންފީޒު ނުވެ އޮއްވައި ރިޔާސީ ދައުރު ހަމަވާން އައީ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް، ރިޔާސީ ޕްރައިމަރީއަކަށް ވަނީ ތައްޔާރުވެފަ އެވެ.

ޖެނުއަރީ 28 ގައި ބާއްވާ އެ ޕްރައިމަރީއަކީ ސިޔާސީ ޕާޓީތަކުގެ ތާރީހުގައި ދެކޭނެ އެންމެ ވާދަވެރި އެއް ޕްރައިމަރީ އެވެ. ޕްރައިމަރީގައި ވާދަކުރައްވާ އެއް ކެންޑިޑޭޓަކީ، ދެވަނަ ދައުރެއް ހޯއްދަވަން އުޅުއްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާ ދެކޮޅަށް ނުކުމެ ހުންނެވީ އެންމެ ގާތް އެކުވެރިޔާ އަދި، މީގެ ކުރިން އަބަދުވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް ސޯލިހާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުއާ ދެމެދު އޮތް ވާދަވެރިކަމާއެކު ޕާޓީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. ކުޅުދުއްފުށީގައި ތިބި އެމްޑީޕީގެ އިސް ވެރިންގެ ތެރޭގައި ވެސް ދެ ފެކްޝަން އެބަ އޮތެވެ. އާންމު މެންބަރުންގެ ތެރޭގައި ވެސް ދެ ފެކްޝަން އޮތެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އަދި ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ވަނީ ނަޝީދަށް ތާއީދުކުރައްވަން ނިންމަވައިފަ އެވެ. ބައެއް ކައުންސިލަރުން ރައީސަށް އަދި ބައެއް ކައުންސިލަރުން ނަޝީދާއެކު ހުންނެވި އެވެ. ބައެއް ކައުންސިލަރުން ހުންނެވީ ހަނެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) ގެ ތާއީދު އޮތީ ރައީސް ސޯލިހަށެވެ. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު މި ކަމާ ގުޅިގެން "ޕަބްލިކް" ގައި އެއްވެސް ވާހަކައެއް ނުދެއްކެވި ނަމަވެސް ރައީސް ރަށަށް ވަޑައިގަތުމުން އެކުގައި ހުންނެވި އެވެ.

ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގަންނަ ވަގުތާ ދިމާކޮށް ބަނދަރު ސަރަހައްދުގައި ނުފުއްދޭ ވައުދުތައް ރަމްޒުކޮށްދޭ "ފުޅަނދުތަކެއް" ބަހައްޓާފައި ހުއްޓެވެ. އެއާޕޯޓް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓް ނުނިމެ އެވެ. އެއާޕޯޓްގައި ބައްތި ނުޖަހަ އެވެ. ރޭގަނޑު ފްލައިޓެއް ނުބޭއްވެ އެވެ. މަގުތަކުގައި ތާރު ނޭޅެ އެވެ. އެންމެ ބޮޑު އުންމީދަކަށް އޮތް ޓާޝަރީ ހޮސްޕިޓަލުގެ ބިންގާގަނޑު ވެސް ނެތެވެ.

ޕްރައިމަރީއާ ދިމާކޮށް ރައީސް ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނިކަން ފޯރިދެއްވަމުން ގެންދެވި އެވެ. އެކަމަކު އެފަދަ ގޮތަކަށް ބައްދަލުވުމެއް ބާއްވައި، ކުޅުދުއްފުށީގައި ވާހަކަ ވެސް ނުދައްކަވަ އެވެ. ދައްކަން މަސައްކަތް ކުރި "ދަޅައިގެ" އަސަރެއް ކުރި މީހަކު ނުވީ ކަންނޭނގެ އެވެ. މާ އިރެއް ނުވެ ދެން ވަޑައިގަތީ ހަނިމާދޫއަށެވެ. އެއާޕޯޓް މަޝްރޫއުގެ ބިންގާ އަޅާކަމުގެ "ރީނދޫ ދަޅަ" ދައްކާށެވެ.

މީގެ ކުރިން ރައީސް ނަޝީދު ވެސް ކުޅުދުއްފުއްޓަށް ވަޑައިގަތެވެ. ނަޝީދަށް މަރުހަބާ ދަންނަވަން ނުކުމެ އެމްޑީޕީގެ ސަޕޯޓަރުންތަކެއް ތިއްބެވެ. ރޭގަނޑު ވަގުތު ބައްދަލުވުމެއް ބޭއްވި އެވެ. އެމަނިކުފާނުގެ އަމިއްލަ "ރީނދޫ ދަޅަ" ދައްކައިލި އެވެ. ސީދާ ނަޝީދު ވެރިކަމުގައި ނެތުމުން ފަސޭހަ އެވެ. ވާދަވެރިޔާ ޕްރައިމަރީން ބަލިކޮށްލަން، ނަޝީދު ވެރިކަމުގައި ކުރެވިދާނެ ކަންކަމުގެ މައްޗަށް "ރީނދޫ ދަޅައެއް" ދައްކައިލި އެވެ.

އެމްޑީޕީ އެކްޓިވިސްޓުން މާޔޫސްވެފައި؛ ޕްރައިމަރީއަށް އެންމެންގެ އިންތިޒާރު

ކުޅުދުއްފުށީގައި ތިބި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ޕްރައިމަރީއާ ގުޅޭ ގޮތުން އެ މީހުންގެ ހުރި ޝުއޫރުތައް "ކޭއޯ" އަށް ހިއްސާކޮށްފަ އެވެ."ކޭއޯ" އާ ވާހަކަ ދެއްކި ގިނަ އެކްޓިވިސްޓުންގެ ކަންބޮޑުވުމަކަށް އޮތީ ކުޅުދުއްފުއްޓަށް މިދިޔަ އަހަރުތަކުގައި މާ ބޮޑު ތަރައްގީއެއް އައިސްފައިނުވާތީ އެވެ.

މުޖޭ ބުނީ އޭނައަށް ޖުމުލަ ގޮތެއްގައި އެމްޑީޕީގެ ދެ ރައީސުން ވެސް ކަމުދާ ކަމަށެވެ. ދެ ރައީސުންގެ ވެރިކަމުގައި ވެސް އިޖުތިމާއީ މައްސަލަތަކަށް ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅައި، ތަންފީޒުކުރެވިފައިވާ ކަމަށެވެ. އާސަންދަ ހިދުމަތާއި، ފުރަތަމަ ޑިގްރީ ހިލޭ ލިބުން ފަދަ ކަންކަން ފާހަގަ ކުރި އެވެ.

އެކަމަކު އޭނާގެ ޝަކުވާއެއް އޮތެވެ. ކުޅުދުއްފުށީގައި ރަނގަޅު މަސައްކަތްތަކެއް މި ފަހަރު ނުކުރެވެ އެވެ. ނަޝީދުގެ ވެރިކަމުގެ ތިން އަހަރާއި، ރައީސްގެ ވެރިކަމުގައި މިހާތަނަށް ހިނގި ހަތަރު އަހަރު އަޅާކިޔާއިރު މި ވެރިކަމުގައި މާ ބޮޑު ކުރިއެރުންތަކެއް ރަށަށް ނުލިބޭ ކަމަށެވެ.

"އިބޫ ވެސް ޖުމުލަކޮށް ގޯހެއް ނޫން، އެކަމަކު އަންނިއަށް ކުޅުދުއްފުށިން ވޯޓު ގިނަކުރަން ޖެހޭ، އޭރަށް އިބޫއަށް ވެސް އެނގޭނެ މި އޮތީ ކުޅުދުއްފުއްޓަށް އިހުމާލުތަކެއް ވެވިފައޭ، އޭރަށް ޕްރައިމަރީން އިބޫ ހޮވުނަސް އޭނަ ވެސް ވިސްނަން ޖެހޭނެ، އެއީ މި ޑިމޮކްރަސީން އަޅުގަނޑުމެންނަށް ހޯދުނު މޮޅަކީ" މުޖޭ ބުންޏެވެ.

"
އިބޫ ވެސް ޖުމުލަކޮށް ގޯހެއް ނޫން، އެކަމަކު އަންނިއަށް ކުޅުދުއްފުށިން ވޯޓު ގިނަކުރަން ޖެހޭ، އޭރަށް އިބޫއަށް ވެސް އެނގޭނެ މި އޮތީ ކުޅުދުއްފުއްޓަށް އިހުމާލުތަކެއް ވެވިފައޭ، އޭރަށް ޕްރައިމަރީން އިބޫ ހޮވުނަސް އޭނަ ވެސް ވިސްނަން ޖެހޭނެ، އެއީ މި ޑިމޮކްރަސީން އަޅުގަނޑުމެންނަށް ހޯދުނު މޮޅަކީ." މުޖޭ ބުންޏެވެ.
މުޖޭ ބުންޏެވެ.

ދެރަހަ، ހަސަން ވެސް ބުނީ ރަށަށާއި އާމްދަނީއާއި ދިރިއުޅުމާ ގުޅުން ހުރި ރަނގަޅު ބަދަލުތަކެއް ގެނެސްފައި ވަނީ ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. ނަޝީދު ފެށި މަސައްކަތްތައް ނޫން ކަމެއް ފެށިފައިނުވާ ކަމަށް އޭނާ ދެކެ އެވެ.

"އާސަންދަ، ދަރިވަރުންނަށް ސްކޮލަޝިޕް، ދެން އޭރު ދޭން ފެށި އިނާޔަތްތައް، މުސްކުޅިންނަށާއި އެކަނިވެރި މައިންނަށް، މި ކަންކަން ދޯ ދެން އައި ކޮންމެ މީހަކު ވެސް މި ފުޅާކުރަނީ، އާ ކަމެއް ނުއެއް ފެށޭ، ނުއެއް ދެއްކޭ، ނަޝީދަށް ނޫނީ،" ދެރަހަ ހަސަންގެ ހިޔާލު ކިޔައިދިނެވެ.

އަކްރަމް ފާހަގަ ކުރީ ނަޝީދު ވެރިކަމާ ހަވާލުވި ވަގުތެވެ. އޭރު ޓެކްސް ނިޒާމު ނެތުމުން އަލުން އެ ނިޒާމު ޖެހުނީ ތައާރަފުކުރާށެވެ. ދައުލަތުގެ އާމްދަނީ އިތުރުކޮށް އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހިންގާށެވެ. އޭރު ފެނުނު ސްޕީޑްއަށް ވުރެ މިހާރު ވެރިކަމުގެ ސްޕީޑް މާ ރަނގަޅު ވާން ޖެހޭނެ ކަމަށް ބުންޏެވެ.

"2022 ގެ ތަރައްގީގެ ސްޕީޑް ހުންނަން ޖެހޭ ވަރަށް ނެތް. 2008 ވަނަ އަހަރު އަންނި ކުރި ވަރަށް ގާތަށް ވެސް އިބޫއަށް ހަތަރު އަހަރު ވެރިކަމުގައި ކުރެވިފައެއް ނެތޭ. އޭރަށް ވުރެ މިހާރު ވަސީލަތްތައް، ޓެކްނޮލޮޖީ ވެސް ކުރިއަރައިގެން ގޮސް ހުރީ." އަކްރަމް ބުންޏެވެ.

މިއީ "ކޭއޯ" އާ ވާހަކަ ދެއްކި އެކްޓިވިސްޓުންގެ ހިޔާލުތައް ހުރި ގޮތެވެ. ޖުމުލަ ނަތީޖާ ފެންނާނީ ޖެނުއަރީ 28 ގަ އެވެ. ރީނދޫ ލަޝްކަރުން މި ފަހަރު ދެ ފަހުލުވާނަކު ފޮނުވައިގެން ކުރަން އޮތް ކަމެއް ކޮށްފައި ގޮސްފި އެވެ. އެ ލަޝްކަރުގައި ތިބި ކުޅުދުއްފުށި މީހުން ގޮތެއް ނިންމުމަށް ފަހު، އަދި މުޅި ކުޅުދުއްފުށިން ވެސް ގޮތެއް ނިންމަން އޮންނާނެ އެވެ. ކުޅުދުއްފުށި މީހުން މި ފަހަރު ރަނގަޅު ޑިމާންޑްތަކެއް، ސިޔާސީ ވެރިންނަށް ކުރަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355