އާ ދައުރަކަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއި އެކު ޕީޕީއެމް، ޕީއެންސީގެ މެންބަރުން އަޑުގަދަކޮށް އެކަމަށް ހުރަސްއަޅާ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި އަޑުއުފުލަމުން ގެދެވުމާއި ގުޅިގެން މަޖިލިސް ކުރިއަށް ނުގެންދެވިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިސް މެދުކަނޑާލާފަ އެވެ.
ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވުމަކީ ގާނޫނު އަސާސީގެ 84 ވަނަ މާއްދާ އިން އެމަނިކުފާނަށް ލާޒިމް ކޮށްފައިވާ ކަމެކެވެ.
އެގިތުން މިއީ ދެވަނަ ޖުމްހޫރިއްޔާ އުފެދުނީއްސުރެ އިއްވޭ 55 ވަނަ ރިޔާސީ ބަޔާނެވެ.
ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވައި އަޑުއުފުލާތީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނުކުމެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ވަނީ އަންގަވާފަ އެވެ.
މީގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްގެ ނަން ވެސް ވަނީ އިއްވާފަ އެވެ.