twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކާރިސާތަކުން އަރައިގަތުމަށް ކުޅުދުއްފުށީގައި ކުރާ މަސައްކަތްތަކަށް ޖަޕާނުގެ އެހީ

ނަބީލާ އިސްމާޢީލް
Feb 9, 2023

ކުޅުދުއްފުށީގައި ކަރިސާތަކަށް ތައްޔާރުވެ، އެކަން ކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި އެއެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީއެވެ. އަދި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ، ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާއެވެ.

ޖަޕާނު ސަރުކާރުން ވަނީ ދިވެހި ރެޑް ކްރެސެންޓުގެ ކުޅުދުއްފުށީގެ ބްރާންޗަ 40،500 އަށްވުރެ ގިނަ ޑޮލަރުގެ އެހީ ފޯރުކޮށްދީފިއެވެ. މި އެހީގެ ދަށުން އެމްއާރްސީގެ ކުޅުދުއްފުށީ ބްރާންޗަށް އިމަޖެންސީ ސަޕޯޓް ވެހިކަލަކާއި، ފެންހިންދުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ޓަކިއުޗީ މިޑޯރީ ވިދާޅުވީ، ރާއްޖޭގެ އިޖްތިމާއީ އިގްތިސޯދީ ކުރިއެރުމަށް އެހީތެރިވުމަށް ލިބޭ މިފަދަ ކޮންމެ ފުރުސަތަކީވެސް ލިބޭ އުފަލެއްކަމަށެވެ. އަދި މި އެހީގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައި، އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއާރްސީއިން ކުރާ މަސައްކަތްތަކަށް އިތުރު އަވަސްކަމަކާއި ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއާރްސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ތިމާވެށީގެ ގޮތުންނާއި ޢުމްރާނީގޮތުން އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ ނިސްބަތް ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ. ވަކިން ހާއްސަކޮށް 2017 ގެ ފަހުން މިފަދަ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާންޖެހޭ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިމްޔާ ވިދާޅުވީ، މިއީ އެމްއާރްސީގެ ކުޅުދުއްފުށީ ބްރާންޗުގައި ހަރަކާތްތެރިވާ ޓީމަށް، ކާރިސާގެ ދަނޑިވަޅުގައި އާއްމުންނަށް މިހާރަށްވުރެ ފަސޭހައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދިޔަ މުހިއްމު އެހީއެއްކަމަށެވެ.


ޖަޕާނު ސަރުކާރުން ދިވެހި ރެޑް ކްރެސެންޓަށް މި އެހީ ފޯރުކޮށްދީފައިވަނީ އެ ގައުމުން ކުރިއަށްގެންދާ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ސްކީމުގެ ދަށުންނެވެ.

މި ސްކީމުގެ ދަށުން 1996 ވަނަ އަހަރުން ފެށިގެން ޖަޕާނުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355