twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަންހެން ސެކިއުރިޓީންނަށް ފިރިހެން މެންބަރުން ނެރެން ނުޖެހޭގޮތަށް ހަދަނީ

Feb 13, 2023

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރެއްގެ ނަން އިއްވައި ޗެމްބަރުން ނެރެންޖެހޭ ހާލަތެއްގައި، އަންހެން ސެކިއުރިޓީން ލައްވާ އެކަން ކުރަން ނުޖެހޭގޮތަށް، މަޖިލީހުގެ ޤަވާއިދަށް އިސްލާހު ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

އެ ގަރާރަކީ މަޖިލީހުގެ 23 ވަނަ މާއްދާގެ (ބ)އަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ. އެ ގަރާރުގައި ބުނީ މި މަހުގެ ހަވަަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ނިޒާމު ގެއްލި، މަޖިލީހުގެ ބައެއް މެމްބަރުންގެ ނަން އިއްވުމާ ގުޅިގެން، އެ މެމްބަރުން މަޖިލީހުގެ މާލަން ދޫކޮށް ވަޑައިގަތުމަށް ދެކޮޅުހެއްދެވި ކަމަށެވެ.

ރޮޒައިނާ ހުށަހެޅުއްވި މިމައްސަލައަކީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް އިދިކޮޅު މެންބަރުން ހުރަސް އެޅުމާއި ގުޅިގެން މެމްބަރުން ތަޅުމުން ނެރުމަށް އަމަލުކޮށްފައިވާ ގޮތާއިމެދު ހުރި ކަންބޮޑުވުމަށް ހައްލު ގެނައުމަށް ހުށަހެޅުއްވި އިސްލާހެކެވެ. މަޖިލީހުގައި އެދުވަހު އިދިކޮޅު މެންބަރުން ކުރި އިހުރިޖާޖުގައި ނަން އިއްވި ފިރިހެން މެމްބަރުން ތަޅުމުން ބޭރަށް ނެރުމަށް ފުރަތަމަ މަސައްކަތްކުރެއްވީ މަޖިލީހުގެ އަންހެން ސެކިއުރިޓީންނެވެ.

ގަރާރުގައި ބުނީ އެ ޖަލްސާގައި ފިރިހެން މެމްބަރުންގެ ގައިކޮޅުގައި އަންހެން ސެކިއުރިޓީ އޮފިސަރުން އަތްލާ، ދަމާކޫއްތާ ހަދަމުން ދިޔަ މަންޒަރުތައް އާންމުވެގެން ދިޔަ ކަމަށެވެ. އަދި އެ މަންޒަރުތައް އާންމު ވުމާއެކު އެ މަންޒަރުތަކަކީ މުޖުތަމައުއިން ބަލައިގަންނަ އާންމު މިންގަނޑުތަކާ ހިލާފު އަމަލެއްގެ ގޮތުގައި ސިފަކުރެވިގެން ގޮސްފައިވާ ކަމަށް ގަރާރުގައިވެއެވެ.

އެކަމުގެ ސަބަބުން އެ އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުންނަށް މީސްމީޑިއާގައި އެކި ފަރާތްތަކުން ފުރައްސާރަ ކޮށްފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އޭގެ އިތުރުން މަޖިލީހުގެ އެ އޮފިސަރުންގެ އިއްޒަތާ ކަރާމާތަށް ގެއްލުންވާ ގޮތަށް އާންމު ރައްޔިތުން ތަފާތު ކޮމެންޓުތައް މީިސްމީޑިއާގައި ވެސް ކޮށްފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ވުމާއެކު މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ގެންގުޅޭ އުސޫލުތައް އެހެން މުއައްސަސާތަކުގައި ވެސް މިފަދަ ކަންކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކާ އެއްގޮތްކޮށް، ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) އިސްލާހުކުރަން ހުށަހަޅުއްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެގޮތުން މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވާ އެހެން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު، މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުމަށް މެމްބަރު ހުށަހަޅުއްވާފައިވެއެވެ.

މާލަމުން މީހަކު ނެރެން ޖެހިއްޖެ ހިނދެއްގައި ނެރެން ޖެހުނު މީހާއަކީ ފިރިހެނެއް ނަމަ، އެމީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ވާނީ ފިރިހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ކަމަށް މެމްބަރު ހުށަހެޅުއްވިއެވެ. ނެރެން ޖެހުނު މީހާއަކީ އަންހެނެއް ނަމަ، އެ މީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ވާނީ އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ކަމަށް އިސްލާހުގައި ބަޔާން ކޮށްފައިވެއެވެ.

މުސްތަގުބަލުގައި މިފަދަ ކަންކަން ހިނގާދިޔަ ނުދިނުމަށްޓަކައި، މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހެޅުއްވީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355