ހދ އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގުރާމު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ޕްރޮގުރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އެ ފަރާތްތަކުގެ ހާލަތު ދެނެގަނެ އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތަކާއި، ތައުލީމާއި ތަމުރީނު އަދި ވަޒީފާ ނުވަތަ އާމުދަނީ ހޯދުމާއި އެހެނިހެން އިޖުތިމާއީ ހަމަހަމަ ފުރުސަތުތައް އެބަޔަކު ދިރިއުޅޭ މުޖުތަމައުން ހޯދައި ދިނުމަށް ހާއްސަކޮށްގެން ހިންގޭނެ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން (ސީބީއާރު) ޕްރޮގްރާމެކެވެ.
ކުޅުދުއްފުއްޓާއި ހަނިމާދޫގައި ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ހދ އަތޮޅުގެ ހުރިހާ ރަށަކުން 86 ފަރާތުން ބައިވެރިވި އެވެ. މި ޕްރޮގުރާމުގައި ހދ އަތޮޅުގެ ރަށްތަކުގެ އިބަމަ މެންބަރުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ބެލެނިވެރިންނާއި ޖަމިއްޔާތަކުން ބައިވެރިވިއެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ކޭއޯގައި ވާހަކަދައްކަވަމުން ވިދާޅުވީ، ނާޒުކު ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކުގެ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި މި ފަރާތްތަކަށް ފޯރާފައިނުވާ ކަމަށެވެ.
އެހެންވުމުން މި ޕްރޮގުރާމުގެ ތެރެއިން އެފަދަ މައުލޫމާތު ދެވި، ހިދުމަތްތައް ހޯދާނެ ގޮތާއި އެފަދަ މުހިންމު މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އިފްހާމު ވިދާޅުވީ، ފުރޮޅީ ގޮނޑި އަދި އެހެނިހެން އާލާތްތަކީވެސް ވަކި ބަޔަކަށް ދައުލަތުން ފޯރުކޮށްދޭ ތަކެތި ނޫން ކަމަށާއި އެތަކެއްޗަކީ އެއަށް ބޭނުންވެފައިވާ ހަމަ ކޮންމެ މީހަކަށްވެސް ދައުލާތުން ފޯރުކޮށްދޭނެ ތަކެތި ކަމަށެވެ.
އެހެންވުމުން އެފަދަ ތަކެތި ހޯދުމަށް އަމަލްކުރަންވީ ގޮތް މި ޕްރޮގުރާމުގައި ބުނެދީފައިވާނެ ކަމަށެވެ. އަދި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ބޭސް ފަސޭހައިން ގެނެވޭނެ ގޮތްވެސް ހަމަޖެހިފައިވާކަމަށް އިފްހާމު ވިދާޅުވި އެވެ.
އަދި މީގެއިތުރުން ހަނިމާދޫ އަދި ކުޅުދުއްފުށީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް މިފަރާތްތަކަށް ދިމާވާވެފައިވާ ދަތިތައް އެސިޓީގައި ގާއިމްކޮށްފައިވާ އިޖުތިމާއީ މަދަދުވެރިން (އިބަމަ) މެދުވެރިކޮށް ހައްލު ކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ، މި ޕްރޮގުރާމުން ކުރިއަށްވުރެ ބޮޑުތަނުން ހޭލުންތެރިކަން އިތުރުކުރެއްވިއްޖެ ކަމަށާއި އެހެންނަމަވެސް އެންމެން ގުޅިގެން ހައްލުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.