twitterviber whatsapp telegramfacebookyoutube instagram
20th April 2024

ލަންޑަން ޑާބީގައި ޓޮޓެންހަމުން ޗެލްސީ ބަލިކޮށްފި

މުޙައްމަދު އަހުމަދު
Feb 26, 2023

އިނގިރޭސި ޕްރިމިއާ ލީގުގެ ލަންޑަން ޑާބީގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާއާއި ޗެލްސީ ބައްދަލުކުރި މެޗު ޓޮޓެންހަމުން ކާމިޔާބުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ޓޮޓެންހަމުން މިރޭ ޗެލްސީގެ މައްޗަށް ކުރިހޯދީ 2 - 0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް ޗެލްސީން އުފެއްދި ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ނުފެނި ނިމުނު ނަމަވެސް ދެވަނަ ހާފު ފެށިގޮތަށް ޓޮޓެންހަމުން ވަނީ ޗެލްސީގެ ގޯލު ފޫއަޅުވާލާފަ އެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި މިލަނޑު ކާމިޔާބުކޮށްދިނީ ޓޮޓެންހަމުގެ އޮލިވިއާ ސްކިޕް އެވެ.

އެމާސަން ތިރިތިރިން ފޮނުވާލި ހަމަލާ ކެޕާގެ އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު ރީބައުންސް ގޯލުގެ ތެރެއަށް ވައްދާލައިގެން ސްކިޕް ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ.

މެޗުގައި ޓޮޓެންހަމުގެ ދެވަނަ ލަނޑު ޖަހައިދިނީ ހެރީ ކޭން އެވެ. 82 ވަނަ މިނެޓުގައި ސަންގެ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކޭން ވަނީ ޓޮޓެންހަމަށް މެޗުން މޮޅެއް ޔަގީންކޮށްދީފަ އެވެ.

މިމޮޅާއެކު ޓޮޓެންހަމުން 25 މެޗުން ހޯދި 45 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު ޗެލްސީއަށް 24 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. އެޓީމު މިވަގުތު އޮތީ ލީގުގެ 10 ވަނައިގަ އެވެ.

އެއްވަނައިގައި އޮތީ 57 ޕޮއިންޓާއެކު އާސެނަލް އެވެ. އަދި ދެވަނައިގައި 55 ޕޮއިންޓާއެކު ސިޓީ އޮތްއިރު 3 ވަނައިގައި އޮތީ 49 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355