ކުޅުދުއްފުށި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތް މިއަގަރު އޮންނާނީ އެޕްރީލު 3،4 އަދި 5 ގައި އެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ކުޅުދުއްފުށީގެ ސްކޫލުތަކާއި އެރަށުގައި ގާއިމުވެފައިވާ ކޮލެޖް ޔުނިވާސިޓީ އަދި ޤުރުއާން ކުލާސްތަކުގެ ދަރިވަރުންނަށެވެ. އަމިއްލަ ގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ޙާފިޘުންގެ ބައިގަ އެވެ.
ކައުންސިލުން ބުނީ، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގައި ހިމެނޭ ލެވެލްތަކުގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުން ބައިވެރިކުރެވޭނީ ޔުނިވާސިޓީ ނުވަތަ ކޮލެޖް، ސެންޓަރުތަކުގެ ބައިގައި އެ ކިޔަވާ ކޯހެއް ހިންގާ ޔުނިވާސިޓީ، ކޮލެޖް ނުވަތަ ސެންޓަރެއްގެ ނަމުގަ ކަމަށެވެ.
މުބާރާތުގައި ސްކޫލު މަދަރުސާތަކުން ބައިވެރިކުރެވޭނީ 32 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 18 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ބައިން 14 ދަރިވަރުންނެވެ. ޤުރުއާން ކުލާސްތަކުން ބައިވެރިކުރުވޭނީ 20 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔަވާ ގޮފިން 12 ދަރިވަރުންނާއި ނުބަލައި ކިޔަވާ ގޮފިން 8 ދަރިވަރުންނެވެ.
އަދި ޔުނިވާސިޓީ ކޮލެޖް ފަދަ ސެންޓަރުތަކުން ބައިވެރިވެވޭނީ 10 ދަރިވަރުންނަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 5 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 5 ދަރިވަރުންނެވެ.
މިއަހަރުގެ ޤުރުއާން މުބާރާތުގައި ފައިސާގެ އިނާމު ހުށަހެޅިފައިވެ އެވެ. މިއީ މި މުބާރާތުގައި ފައިސާގެ އިނާމު ހުށަހެޅޭ ފުރަތަމަ ފަހަރެވެ. އެގޮތުން މުޅި މުބާރާތުގެ އެއްވަނަ ދަރިވަރަށް 2000 ރުފިޔާގެ އިނާމެއް ހަމަޖެހިފައިވާއިރު ދެވަނައަށް ލިބޭ ދަރިވަރަށް 1500 ރުފިޔާ އަދި ތިންވަނަ ލިބޭ ދަރިވަރަށް 1000 ރުފިޔާ ލިބޭނެކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އަދި މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު 10 ދަރިވަރުންނަށް ކޮންމެ ދަރިވަރަކަށް 1000 ރުފިޔާގެ އިނާމެއް ލިބޭނެ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމު ފުރާ 8 މާރޗުގެ ކުރިން އެ ދަރިވަރަކު ބައިވެރިވާ އިދާރާއެއް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ އެވެ. ޙާފިޘުންގެ ބައިގަ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަމިއްލަގޮތުން ފޯމު ހުށަހެޅޭނެކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
މުބާރާތުގެ ބައިވެރިވުމަށް ބޭނުންވާ ފޯމާއި ގަވައިދު އެ ކައުންސިލުގެ ވެޓްސައިޓުން ލިބެން ހުންނާނެކަމަށް އެފަރާތުން ބުނެ އެވެ.
މި މުބާރާތުގެ މަގުސަދަކީ ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގައި ތަރުތީލްކޮށް ކިޔެވުމުގެ ގާބިލުކަން އުފެއްދޭނެ ފަދަ ދަރިވަރުން ވާދަވެރި މާހައުލެއް އުފެއްދުމާއި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތްކުރުމެވެ.
އަދި ގައުމީ ފެންވަރުގައި ޤުރުއާން ކިޔަވާނެ ދަރިވަރުންތަކެއް އުފެއްދުމާއި ޤުރުއާނުގެ ގިއުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.