twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންހެނުންނަށް އަމާޒުކޮށް ކުޅުދުއްފުށީގައި 14000 ރުފިޔާގެ މަސްރޭހެއް

މުޙައްމަދު އަހުމަދު
Mar 2, 2023

ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ބާއްވާ "ކަނބަލުންގެ މަސްރޭސް 2023" އިއުލާންކޮށްފި އެވެ. މިއީ އަންހެނުންގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މިމަސްރޭހަކީ އަންހެން ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަ ރޫހެއް އުފެއްދުމުގެ މަގުސަދުގައި ބޭއްވޭ މަސްރޭހެކެވެ.

މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އަންހެން ޓީމުތަކަށެވެ. އަދި ބައިވެރިވެވޭނީ ރަޖިސްޓްރީކުރާ ތަރުތީބުން ފުރަތަމަ ރަޖިސްޓްރީ ކުރާ 10 ޓީމަށެވެ. ކޮންމެ ޓީމެއްގައިވެސް 10 އަންހެން މެންބަރުންގެ އިތުރުން 3 ފިރިހެން މެންބަރުން ހިމެނޭނެ އެވެ. ނަމަވެސް ފިރިހެން މެމްބަރުން ހަރަކާތްތެރިވާން ޖެހޭނީ އަންހެން މެންބަރުންގެ އެހީތެރިންގެ ގޮތުގަ އެވެ.

އެގޮތުން އެންކޮޅު އަޅައިދިނުމާއި ބޭނޭ މަސް ނަގާ ނެއްޓުންފަދަ ކަންކަމުގައި އެހީތެރިވެވޭނެ އެވެ. އެހެންނަމަވެސް މަސް ބޭނުމުގައި އެއްވެސް ފިރިހެން މެމްބަރަކަށް އެއްވެސް ވަރަކަށް ހަރަކާތްތެރިއެއް ނުވެވޭނެ އެވެ. އަދި ފިރިހެން މެމްބަރަކު ބާނާ މަސް، އެޓީމަކުން ބޭނި މަހުގެ ގޮތުގައި ނުގުނޭނެ އެވެ. މިއަދަދުގެ ތެރޭގައި ދޯނީގެ ކެޕްޓަން އަދި ކުރޫ ނުހިމެނޭނެއެވެ.

ޖަމިއްޔާ، އޮފީސް ނުވަތަ ގްރޫޕްތައް ރަމްޒުކޮށްދޭ ގޮތަށްވެސް ޓީމުތަކަށް މުބާރާތުގައި ބައިވެރިވެވޭއިރު ޓީމަކަށް މަހަށް ފުރޭނީ ޓީމުގައި ހިމެނޭ 13 މެންބަރުންގެ ތެރެއިން މަދުވެގެން 8 މެންބަރުން ހަމަވާނަމަ އެވެ. އޭގެ ތެރޭގައި އަންހެން 6 މެންބަރުންނާއި ފިރިހެން 2 މެންބަރުން ތިބެންވާނެއެވެ.

ކޮންމެ ޓީމަކަށްވެސް އެޓީމެއް މަހަށްދާ ދުވަހުގެ 48 ގަޑިއިރުގެ ކުރިން ޓީމު ލިސްޓަށް ގިނަވެގެން 2 ބަދަލު ގެނެވޭނެ އެވެ. އަދި ޓީމުން އުނި ނުވަތަ އިތުރު ކުރި މެންބަރުންގެ މައުލޫމާތު މުބާރާތް ހިންގާ ފަރާތާއި ހަވާލުކުރަންޖެހޭނެ ކަމަށް މުބާރާތުގައި ގަވައިދުގައިވެ އެވެ.

މަސް ރޭސް އޮންނަ ދުވަހުގެ މެންދުރު 2:30 ގައި ޓީމްތަކުން ކަނޑައެޅިފައިވާ ސަރަހައްދަކުން މަހަށް ފުރަން ޖެހޭނެ އެވެ. މިގަޑީގައި ނުފުރާނަމަ، އެ ޓީމެއް ޑިސްކޮލިފައިކުރެވޭނެ އެވެ. އަދި ޓީމްތައް އެނބުރި ރަށަށް އެދުވަހެއްގެ ރޭގަނޑުގެ

8:00 އާއި 8:30 އާއި ދެމެދު އަންނަންޖެހޭނެ އެވެ. ގަޑިއަށް ފަޅުން ނުވަދެވޭ ޓީމްތައް މުބާރާތުން ޑިސްކޮލިފައިވާނެ އެވެ.

މަހަށްދާ އުޅަނދަށް އެރޭނީ ޓީމުގެ މެންބަރުންނާއި ދޯނި ކެޕްޓަން އަދި ކުރޫގެ އިތުރުން އޮފިޝަލުންނެވެ. ކޮންމެ ޓީމެއް ވެސް މަހަށްދިޔުމަށް ފުރުމުގެ ކުރިން މުބާރާތް ހިންގާ ފަރާތުން އެޓީމެއްގެ މެންބަރުންގެ އައިޑީ ކާރޑް ޗެކް ކުރެވޭނެކަމަށް ވެސް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.

ކޮންމެ ޓީމެއްވެސް މަހުން އެނބުރި އައިސް ލަފަންވާނީ ޓީމްތައް ފުރި ދިމާލުންކަމަށާއި ކޮންމެ ޓީމެއްވެސް އެނބުރި ރަށަށް އަންނަންވާނީ އެޓީމެއް މަހަށް ދިޔަ އުޅަނދުގަ އެވެ. އެއްވެސް ސަބަބަކާހުރެ ކަނޑައެޅިފައިވާ ވަގުތަށް އެއްވެސް ޓީމެއް ހާޒިރުނުވެއްޖެނަމަ އެޓީމެއް ޑިސްކޮލިފައިވާނެ އެވެ.

މުބާރާތުގައި ވާދަކުރާ އެއްވެސް ޓީމަކުން ބޭނުން ނުވަތަ ހިފުން މަނާކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއްވެސް މަހެއް ބޭނިއްޖެނަމަ ދޫކޮށްލަންވާނެ އެވެ. އަދި މިފަދަ އެއްވެސް މަހެއް އެޓީމުން ބޭނިމަހެއްގެ ގޮތުގައި ނުބެލެވޭނެ އެވެ. އަދި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އިން ހިމާޔަތްކޮށްފައިވާ ކަނޑުގެ އެއްވެސް ސަރަހައްދަކުން މަސްވެރިކަން ކޮށްގެން ނުވާނެ އެވެ. ޓީމުތަކުން މަހުން ލަފާ ވަގުތު ޖަޖުކުރާ ސަރަހައްދަށް ޓީމުގެ މެންބަރުންނާއި ބޭނި މަސް ގެންދިއުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ޖަޖު ކުރުމާއި ސްކޯރ:

ޓީމުތަކަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެޓީމަކުން ބޭނި ޖުމްލަ މަހުގެ ބަރުދަނަށެވެ. ޖަޖްކުރާ ސަރަހައްދުގައި ޓީމުތަކުން ބޭނި މަސްތައްކިރާއިރު، ވަގުތު ސަލާމަތްކުރުމުގެ ގޮތުން އެންމެ ބަރުމަހަށް ވާދަކުރާނެކަމަށް އެޓީމަކުން ލަފާކުރާ މަސް ވަކިން ފާހަގަކޮށްފައި ބާއްވަންވާނެ އެވެ.

އެންމެ ގިނަ މަސް ބޭނި ފަރާތަށް 1 ފަރާތަށްވުރެ ގިނަ ފަރާތް ވާދަކުރާނަމަ، ވަނަ ހޮވާނީ ގުރުއަތު ލައިގެންނެވެ. ޓީމުތަކުން ބޭނުންވެއްޖެ ނަމަ ޖަޖުކޮށް ނިމުމުން ބޭނި މަސް އެ ސަރަހައްދުގައި ވިއްކިދާނެ އެވެ.

މުބާރާތުގެ ވަނަތަކާއި އިނާމު:

1 ވަނަ ހޯދާ ޓީމަކަށް 5000 ރުފިޔާ
2 ވަނަދެވަނަ ހޯދާ ޓީމަކަށް 3000 ރުފިޔާ
3 ވަނަ ހޯދާ ޓީމަކަށް 2000 ރުފިޔާ
އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 1000 ރުފިޔާ
އެންމެ ބަރުމަސް ބޭނި ފަރާތަކަށް 1000 ރުފިޔާ
އެއްވަނަ އަންހެން ކެޔޮޅަށް 2000 ރުފިޔާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355