ޕެރިސްގައި މިދިޔަ އަހަރު ލިވަޕޫލާއި ރެއާލް މެޑްރިޑް ބައްދަލުކުރި ޗެމްޕިއަންސް ލީގު ފައިނަލަށް ޓިކެޓް ނެގި ލިވަޕޫލްގެ ސަޕޯޓަރުންނަށް ރީފަންޑް ދޭން ޔޫއެފާއިން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ފައިނަލް މެޗުގެ ކުރިން އެތައް ހާސް ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވި ހިނގި ބޮޑު ހަމަނުޖެހުމުގައި ފްރާންސްގެ ފުލުހުން ވަނީ ލިވަޕޫލް ސަޕޯޓަރުންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާ ބާރުގެ ބޭނުންކޮށްފަ އެވެ.
މިކަން ހިނގީ ލިވަޕޫލްގެ ސަޕޯޓަރުންނާއި ހެދިކަމަށް ފްރާންސްގެ ކަމާބެހޭ އިދާރާތަކާއި ޔޫއެފާއިން ބުނެފައިވީ ނަމަވެސް ފަހުން ޔޫއެފާއިން ހިންގި ތަހުގީގުން ޔޫއެފާއިން ކަނޑައެޅީ ސަޕޯޓަރުންގެ އިހުމާލެއް ނެތް ކަމަށެވެ.
އަދަދު ނޫހުން ރިޕޯޓްކުރި ގޮތުގައި ޔޫއެފާއިން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ސަޕޯޓަރުން ތޮއްޖެހި މައްސަލަ ބޮޑުވި ވަގުތު ފުރާނައަށް ނުރައްކާވަރުގެ އަނިޔާއެއް ނުލިބުނީ ލިވަޕޫލުގެ ސަޕޯޓަރުންގެ އަމަލުތަކުން ކަމަށެވެ. އަދި ފައިނަލް މެޗަށް ލިވަޕޫލްގެ ސަޕޯޓަރުން ކަނޑައެޅިފައިވާ 19618 ޓިކެޓަށް ވެސް ރީފަންޑް ލިބޭނެ ކަމަށެވެ. މީގެއިތުރުން ރެއާލާއި ވަކިކޮޅަކަށް ނުޖެހޭ ސަޕޯޓަރުންގެ ޓިކެޓް ވެސް ރީފަންޑްކޮށްދޭނެ ވާހަކަ ޔޫއެފާއިން ބުނެފައިވެ އެވެ.