ޓްރެފިކް ގާނޫނާ ހިލާފުވާ ހުރިހާ އެންމެން ހުއްޓުވާ ޖޫރިމަނާކޮށް ހެދުމަކީ ހަގީގަތުގައި މިމައްސަލައަށް އޮތް ހައްލެއް ނޫންކަމަށް ހދ އަތޮޅު ޕޮލިސް ކޮމާންޑަރު އަހުމަދު ފަޔާޒު ވިދާޅުވެއްޖެ އެވެ.
މަގުތަކަކީ އެންމެންނަށް ރައްކާތެރި އަމާންތަކަށް ހެދުމަށް ފުލުހުން ކުރިއަށްގެންދާ "ފަހިރާސްތާ" ޕްރޮގުރާމު ކުޅުދުއްފުށީގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފަޔާޒު ވިދާޅުވީ، ޓްރެފިކް މައްސަލަތައް ހައްލުވާނީ ކޮންމެ ރައްޔިތަކުވެސް އެރައްޔިތެއް ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.
ޓްރެފިކް ގާނޫނާ ހިލާފު ހުރިހާ އެންމެން ހުއްޓުވާ ޖޫރިމަނާކޮށް ހެދުމަކީ ހަގީގަތުގައި ޓްރެފިކް މައްސަލައަށް އޮތް ހައްލެއް ނޫންކަމުގައި އޭނާ ވިދާޅުވި އެވެ. ފަޔާޒު ވިދާޅުވީ، އެ މައްސަލަ ހައްލުވާން އޮތީ އެންމެންވެސް އެ މީހެއްގެ ޒިންމާ ފުރިހަމައަށް އަދާކޮށް މަގުމަތީގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ.
"ޓްރެފިކް ގާނޫނާ ހިލާފުވާ ހުރިހާ އެންމެން ހުއްޓުވާ، ހިފަހައްޓާ، ޖޫރިމަނާކޮށް ހެދުމަކީ ހަގީގަތުގައި މި މައްސަލައަށް އޮތް ހައްލެއް ނޫން. ކޮންމެ ރައްޔިތަކުންވެސް އެ ރައްޔިތެއްގެ ޒިންމާ ފުރިހަމައަށް އަދާކޮށް މަގުމަތީގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، އެ ބޭފުޅަކު ގެންގުޅޭ އުޅަނދަކީ ހުރިހާ ހުއްދަތަކެއް ހަމަ، މަގުތަކުގައި ދުއްވަން އެކަށީގެންވާ އުޅަނދުތަކެއް ތޯ ބެލުމަކީ ވަރަށް މުހިންމުކަމެއް. އެހެން ނޫނީ [ މިމައްސަލަ] ހައްލުވެގެން ނެތް ނުދާނެ." ހދ އަތޮޅު ޕޮލިސް ކޮމާންޑަރު ވިދާޅުވި އެވެ.
ފަޔާޒު ވިދާޅުވީ، ރަށެއްގެ ނުވަތަ ސިޓީއެއްގެ އަހުލާގު އެރަށަކުން ބޭރުން އަންނަ ފަރާތްތަކަށް އެންމެ ފުރަތަމަ ފެނިގެންދާނީ އެ ރަށެއްގެ މަގުމަތިންކަމަށެވެ.
"ރަށެއްގެ ނުވަތަ ސިޓީއެއްގެ އަހުލާގު އެރަށަކުން ބޭރުން އަންނަ ފަރާތްތަކަށް އެންމެ ފުރަތަމަ ފެނިގެންދާނީ އެ ރަށެއްގެ މަގުމަތިން. އެރަށެއްގެ މަގުމަތީގެ ތަރުތީބުތައް އޮންނަ ގޮތެއްގެ މައްޗަށް. އެރަށެއްގެ މަގުމަތީގައި ދުއްވާ އުޅަނދު ފަހަރު ޕާކް ކޮށްފައި ހުންނަ ތަރުތީބުތަކުގެ މައްޗަށް. މަގުތަކުގެ ސާފުތާހިރުކަމުގެ މައްޗަށް." ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިކަންތައްތައް ރަނގަޅަށް އޮތްވެއްޖެކަމަށްވަންޏާ، އެރަށަކުން ބޭރު އަންނަ ފަރާތްތަކަށް އެރަށެއްގެ ދިރިއުޅޭ ބައެއްގެ އަހުލާގު ވަރަށް ރަނގަޅަށް ތަސައްވަރުކޮށްލެވިގެންދާނެ ކަމަށެވެ.
އާދިއްތަދުވަހު ފެށިގެން މިދިޔަ ފަހިރާސްތާ ޕްރޮގުރާމަކީ މަގުމަތީގެ އަމާންކަމާއި ސަލާމަތްތެރިކަމާއި ތަރުތީބުކަމުގެ މައްޗަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމެއްކަމެވެ.
މި ސިޓީއަކީ ﷲ ގެ ރަހުމަތުން މާގިނަ އެކްސިޑެންޓްތަކެއް ހުށަހެޅޭ ސިޓީއެއް ނޫން ކަމަށާއި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރިޕޯޓްކޮށްފައިވަނީ އެވްރެޖްކޮށް މަހެއްގެ މައްޗަށް 2 ނުވަތަ ތިން އެކްސިޑެންޓްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެހެންނަމަވެސް އަބަދު މިހެން އޮންނާނެކަމަށް ބަލައިގެން ތިބުމީ ރައްކާތެރިކަމެއް ނޫން ކަމަށާއި އެހެންވުމުން ދުރާލާ ރައްޔިތުން ހޭލުންތެރިކުރުވާ މި ސިޓީގެ މަގުތަކަކީ ތަރުތީބުކުރެވިފައިވާ އެންމެންނަށް އަމާން ރައްކާތެރި މަގުތަކެއްގެ ކަމުގައި ހެދުމަށް މިޕްރޮގުރާމް އެހީވެދޭނެ ކަމަށެވެ.