twitterviber whatsapp telegramfacebookyoutube instagram
4th May 2024

ހާލަންޑްގެ 5 ލަނޑުން މޮޅުވެ ސިޓީ ކުއާޓާއަށް، އިންޓައިން ޕޯޓޯ ބަލިކޮށް ކުރިއަށް

މުޙައްމަދު އަހުމަދު
Mar 15, 2023

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓަރ ސިޓީން އާރްބީ ލައިޕްޒިގު ބަލިކޮށް ކުއާޓާގެ ޖާގައެއް ހޯދިއިރު އިންޓަ މިލާނުން ވަނީ ޕޯޓޯ ބަލިކޮށް ކުއާޓާގެ ޖާގައެއް ޔަގީންކޮށްފަ އެވެ.

ރޭގެ މެޗުގައި ސިޓީން 7 - 0 ން އާރްބީ ލައިޕްޒިގު ބަލިކުރިއިރު މިދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. އެގްރިގޭޓް 8 - 1 ން ސިޓީން އާރްބީ ލައިޕްޒިގު ބަލިކޮށް ކުއާޓާގެ ޖާގަ ހޯދިއިރު ރޭ ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ރޭގެ މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސިޓީއަށް ލީޑު ނަގައިދިނީ އާލިން ބްރައުޓް ހާލަންޑެވެ. އޭގެ ދެމިނެޓުފަހުން ހާލަންޑްގެ ގޯލެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ލަނޑު ޖަހާ ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

3 - 0 ގެ ލީޑަކުން ކުރީގައި އޮވެގެން ސިޓީން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ 4 މިނެޓުގެ ތެރޭގައި އިލްކޭ ގުންޑޮގަންގެ ލަނޑުން ސިޓީ ވަނީ އިތުރަށް ލީޑު ފުޅާކޮށްފަ އެވެ.

53 ވަނަ މިނެޓުގައި ހާލަންޑް ސިޓީގެ 5 ވަނަ ލަނޑު ޖަހައިދިންއިރު އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ސިޓީގެ ހަވަނަ ލަނޑު ވެސް ގޯލަށް ވައްދާލާފަ އެވެ. ސިޓީގެ ފަހު ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ފަހުވަގުތު ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ.

މެޗު ޑޮމިނޭޓްކޮށްގެން ސިޓީން ކުޅުންއިރު އެޓީމުން ވަނީ އާރްބީ ލައިޕްޒިގުގެ ގޯލާ އަމާޒުކޮށް އޮން ޓާގެޓަށް 16 ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް ލައިޕްޒިގަށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ. ލައިޕްޒިގުން ޖުމްލަ 4 ހަމަލާއެއް އުފެއްދިއިރު ސިޓީން ވަނީ މުޅިމެޗުގައި ޖުމްލަ 23 ހަމަލާއެއް އުފައްދާފަ އެވެ. އަމިއްލަ ދަނޑުގައި ސިޓީން ބޮޑު ތަފާތަކުން ރޭ މިވަނީ ލައިޕްޒިގް ބަލިކޮށް މުބާރާތުގެ ކުއާޓާގެ ފައިނަލުން ޖާގައެއް ޔަގީންކޮށްފަ އެވެ.

ރޭ ކުޅެވުނު ޗެމްޕިއަންސް ލީގުގެ އަނެއް މެޗަށް ބަލާލާއިރު ރޭ އިންޓަ މިލާނުން ވަނީ މެޗު އެއްވަރުކޮށްލައިގެން ޕޯޓޯ އަތުން 1 - 0 ގެ އެގްރިގޭޓަކުން މޮޅުވެ ކުއާޓާގެ ޖާގައެއް ޔަގީންކޮށްފަ އެވެ. އިންޓައިން ވަނީ ފުރަތަމަ ލެގުގައި 1 - 0 ން ޕޯޓޯ ބަލިކޮށްފަ އެވެ.

އެހެންކަމުން ރޭގެ މެޗު އެއްވަރުކޮށް ހިފަހައްޓާލައިގެން ކުއާޓާއަށް ދެވެން އޮތް ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އިންޓައިން ވަނީ ހިފާފަ އެވެ. ރޭގެ މެޗަށް ބަލާލާއިރު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޕޯޓޯއިންނެވެ. ޖުމްލަ 21 ހަމަލާ އުފެއްދިއިރު އެޓީމުން ވަނީ ގޯލާ އަމާޒުކޮށް އޮން ޓާގެޓަށް 7 ހަމަލާއެއް ފޮނުވާލާފަ އެވެ.

އެހެންނަމަވެސް މެޗުގައި އިންޓަގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ޕޯޓޯއަކަށް ނުވި އެވެ. އިންޓައިން ރޭގެ މެޗުގައި އޮން ޓާގެޓަށް ފޮނުވާލާފައިވަނީ 5 ހަމަލާ އެވެ. 11 ހަމަލާ އުފެއްދިއިރު ރޭގެ މެޗުގައި އިންޓައަށް ވުރެ ރަނގަޅަށް ޕޯޓޯއިން ކުޅެފައިވާކަން ފާހަގަކުރެވެ އެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 7 މިނެޓުގެ ތެރޭގައި ޕޯޓޯގެ ޑިފެންޑަރު ޕެޕޭއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355