މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރީފް ސްޕޯޓްސްއިން ހޯދިއިރު އިންޑިވިޖުއަލް ރަންވަނަތަކެއް ކުޅުދުއްފުށީގެ އެތްލީޓް އަހްނާ ނިޒާރު ހޯދައިފި އެވެ.
15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ޝަރީފް ސްޕޯޓްސްއިންނެވެ. މިބައިގެ ފިރިހެން ޗެމްޕިއަންކަން ލިބިފައިވަނީ ހާފިޒް އަހްމަދު ސްކޫލަށެވެ.
މިމުބާރާތުގައި ޝަރީފް ސްޕޯޓްސްގެ އެތްލީޓުން ރަނގަޅު ކާމިޔާބީތަކެއް ހޯދިއިރު އޯޕަން ބައިން ފިރިހެން ޓީމު ވަނީ 4 ގުނަ 100 މީޓަރު ރިލޭއިން ރަން މެޑަލް އަދި 4 ގުނަ 400 މީޓަރު ރިލޭއިން ލޯ މެޑަލް ހޯދި އެވެ.
ލޯންގް ޖަމްޕު ފިރިހެން ބައިން ސިޒާން އަލީ ރިޒާ ރިހި މެޑަލް ހާސިލްކުރިއިރު މިފަހަރުގެ މުބާރާތުން އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދި އެއް އެތްލީޓަކީ އަހްނާ ނިޒާރެވެ. 1500 މީޓަރު ފައިނަލުގައި ވާދަކޮށް އަބްދުﷲ އިކްރާމް ދިޔައީ 11 ވަނަ އަށެވެ. އަދި 200 މީޓަރުގައި ވާދަކޮށް ޝަރީފް ސްޕޯޓްސްގެ އިޔާދް އަހްމަދަށް ރޭސް ނިންމުނީ 5 ވަނައިގަ އެވެ. 100 މީޓަރުން އިޔާދް 7 އަދި ސިޒާން ނިންމީ 8 ވަނައިގަ އެވެ.
15 އަހަރުން ދަށުގެ އަންހެން 100 މީޓަރު ސްޕްރިންޓުން އައިމިނަތު އައުހާ އަބްދުއްރަހީމް ރަން މެޑަލް ހާސިލްކުރި އެވެ. އައުހާ ރޭސް ނިންމީ 14.02 ސިކުންތުންނެވެ.
100 މީޓަރު ފައިނަލް ހީޓުގައި ވާދަކޮށް އާނީ ހުސެއިން އަހްމަދަށް ލިބުނީ 7 ވަނަ އެވެ. 200 މީޓަރުން އައުހާ ރިހި މެޑަލް ހާސިލްކުރި އެވެ. އައުހާ ރޭސް ނިންމީ 29.60 ސިކުންތުންނެވެ. ފައިނަލުގައި ވާދަކޮށް މަރިޔަމް މީޝާ މުޖުތަބާ ވަނީ 4 ވަނައިގައި ރޭސް ނިންމާފަ އެވެ.
400 މީޓަރު ދުވުމުން މަރިޔަމް މީޝާ މުޖުތަބާ ވަނީ 1.10.66 ން ރޭސް ނިންމާ ރިހި މެޑަލް ހާސިލްކޮށްފަ އެވެ. މަރިޔަމް މަލާކް މުހައްމަދު ކުޑަ ތަފާތަކުން 4 ވަނައަށް ދިޔައިރު މަރިޔަމް ނާޔާ ރޭސް ނިންމީ 7 ވަނައިގަ އެވެ.
800 މީޓަރުގައި ވަނައެއް ނުލިބުނު ކަމުގައި ވިޔަސް ފައިނަލްގަ ވާދަކޮށް މަރިޔަމް އަރްޝާ މުހައްމަދު 6 ވަނައިގައި އަދި އަފާފް އަބޫބަކުރު 7 ވަނައިގައި ރޭސް ނިންމި އެވެ. 1500 މީޓަރުގައި ވާދަކޮށް މަރިޔަމް އަރްޝާ މުހައްމަދަށް 4 ވަނައިގައި ރޭސް ނިންމުނުއިރު އައިޝަތު ލަސަން އަލީ ރޭސް ނިންމީ 6 ވަނައިގަ އެވެ.
4.19 މީޓަރަށް ފުންމައިގެން މަރިޔަމް މީޝާ ލޯންގް ޖަމްޕުން ރަން މެޑަލް ހޯދިއިރު 3.62 މީޓަރަށް ފުންމައިގެން އާނީ ހުސެއިން އަހްމަދު ވަނީ ލޯ މެޑަލް ހޯދާފަ އެވެ. އާނީއާ އެއްވަރަށް ފުންމި ނަމަވެސް އައުހާ ދިޔައީ ލޯންގް ޖަމްޕުގެ 4 ވަނައަށެވެ.
ޓްރިޕަލް ޖަމްޕުގައި ވާދަކޮށް ނާޔާ 4 ވަނަ، މަލާކް 5 ވަނަ އަދި ލަސަން ވަނީ 6 ވަނައިގައި ރޭސް ނިންމާ ކުރިއެރުން ހޯދާފަ އެވެ. ޝޮޓްޕުޓްއިން އައިމިނަތު އީމާން އަބޫބަކުރަށް ނިންމުނީ 6 ވަނައިގަ އެވެ. ޑިސްކަސް ތްރޯއިން އަރޫމާ އިބްރާހިމް ލޯ މެޑަލް ހާސިލްކުރިއިރު އަފާފް އަބޫބަކުރަށް ނިންމިފައިވަނީ 4 ވަނައިގަ އެވެ.
އަރޫމާ އިބްރާހިމް ވަނީ ޖެވެލިން އުކުމުން ރިހި މެޑަލް ހާސިލްކޮށްފަ އެވެ. އޭނާ ވަނީ 15.30 މީޓަރަށް އުކާފަ އެވެ. 15 އަހަރުން ދަށުގެ އަންހެން ރިލޭ ޓީމުން 57.09 ސިކުންތުން ނިންމާ 4 ގުނަ 100 މީޓަރުގެ ރަން މެޑަލް ހޯދިއިރު 2.43.44 ން ނިންމާ ޝަރީފް ސްޕޯޓްސްއިން ވަނީ 15 އަހަރުން ދަށުގެ މެޑްލޭ ރިލޭއިން ވެސް ރަން މެޑަލް ހާސިލްކޮށްފަ އެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބާރު ދުވުންތެރިޔާ އަހްނާ ވަނީ މިފަހަރުގެ 100 އަދި 200 މީޓަރު ސްޕްރިންޓުން ރަން މެޑަލް ހާސިލްކޮށްފަ އެވެ. ޓްރިޕަލް ޖަމްޕުން ރިހި މެޑަލް ލިބުނުއިރު އަހްނާ ވަނީ އެއްވަނަ އަންހެން އެތްލީޓް އައިޝަތު ޝައިމް އަޒީޒްއާ ވަރަށް ގާތުން ވާދަކޮށްފަ އެވެ.
އަހްނާ 100 މީޓަރު ނިންމީ 12.72 ސިކުންތުންނެވެ. އަދި 200 މީޓަރު ނިންމީ 26.06 ސިކުންތުންނެވެ. ޓްރިޕަލް ޖަމްޕުގައި 10.46 މީޓަރަށް ފުންމައިގެން އަހްނާ ވަނީ ރިހި މެޑަލް ހާސިލްކޮށްފަ އެވެ. ޝައިމްއަށް އޯޕަން ބައިގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ލިބުނީ 3 ރަން މެޑަލް ހޯދުމުންނެވެ. ފިރިހެން އެންމެ މޮޅު އެތްލީޓްގެ މަގާމު 3 ރަން މެޑައްޔާއެކު ގެންދިޔައީ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ.
ރާއްޖޭން ބޭރުގައި ޓްރެއިނިން ފުރިހަމަކުރަމުން އަންނާތީ މިފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ގިނަ ގައުމީ އެތްލީޓުން ވާދަނުކުރެ އެވެ.