މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވައްލާފައިވަނީ، އިސްރާފު ކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން އިސްރާފު ކުރުމަކީ، ނިޢުމަތްތަކަށް ކުފުރުވެރިވުން ކަމުގައި ފާހަގަކުރެއްވި އެވެ.
ރަމަޟާން މަހަކީ ސަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެއް ކަމަށާއި އަދި މި މައްސަރަކީ ހެޔޮކަމާއި ދަރުމައިގެ މައްސަރެއް ކަމަށެވެ. ނަމަވެސް، ބައެއް މުސްލިމުންގެ ތެރޭގައި އެމަސް ވެފައިވަނީ، ކާބޯތަކެތީން އިސްރާފުކުރުން ގިނަ މަހަކަށެވެ. ގިނަ ކާބޯތަކެތި ތައްޔާރުކޮށް އުކާލާ މަހަކަށެވެ.
އެއްވެސް މަހެއްގައި އިސްރާފު ކުރުމަކީ މާތް ﷲ ރުހިވޮޑިގެންވާ ޢަމަލެއް ނޫންކަމުގައިވިޔަސް، މިއަދު އިންސާނުންނާ ކުރިމަތިވެފައިވާ އިޖުތިމާޢީ ބަލިތަކުގެ ތެރޭގައި އިސްރާފު ކުރުން ހިމެނޭ ކަމަށެވެ. އިސްރާފު ކުރުން ބޮޑަށް ގުޅިފައިވަނީ ތަނަވަސްކަމާއި އެކުގައި ކަމުގައިވެސް މިއަދުގެ ޚުތުބާގައި ފާހަގަކުރެއްވި އެވެ.
އިސްރާފުކުރުމާއި ގުޅޭގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ "އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަން ރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) އަމުރު ކުރައްވަމެވެ. ދެން އެރަށުގެ އަހުލުވެރިން އެ ރަށުގައި ފާސިދު ޢަމަލުކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ޢަމުރުފުޅު އެއުރެންގެ މައްޗަށް ޙައްޤުވެދެތެވެ. ދެން ތިމަން ރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ."
އަދިވެސް ކީރިތި ޤުރުއާނުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.
ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ޙައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުންވެސް ހިމެނޭނީ އިސްރާފުގެ ގޮތުގައި ކަމުގައި ޚުތުބާގައި ބަޔާންކުރައްވާފައި ވެއެވެ. ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލައި، އެތަކެތި ބޭނުންކުރުމަކީ، އިސްލާމްދީން ބާރު އަޅައެވެ. އެތަކެއްޗަކީ ﷲ ގެ ނިޢުމަތްތައް ކަމަށާއި، އެހެންކަމުން އެތަކެތި އުކާލުމަކީ، ނިޢުމަތުގެ ވެރިފަރާތަށް ޝުކުރު ނުކުރުން ކަމުގައިވެސް، އިސްރާފު ކުރުމާއި ގުޅޭގޮތުން މިއަދު ދެއްވި ޚުތުބާގައި ގޮވާލާފައިވެއެވެ.