twitterviber whatsapp telegramfacebookyoutube instagram
28th April 2024

އަތޮޅުތެރޭގައި އެންމެ ގިނަ މީހުން ދިރިއުޅެނީ ހިތަދޫ އާއި ކުޅުދުއްފުށީގައި

އަބްދުލް ވާހިދު ޙަސަން
Mar 31, 2023

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އަތޮޅުތެރޭގައި އެންމެ ގިނަ މީހުން އައްޑޫ ސިޓީގެ ހިތަދޫ އާއި ކުޅުދުއްފުށި ސިޓީގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އަތޮޅުތެރޭގައި އެންމެ ގިނަ މީހުން ދިރިއުޅެނީ އައްޑޫ ސިޓީގެ ހިތަދޫގަ އެވެ. އެ ރަށުގައި ޖުމުލަ 13،745 މީހުން އުޅޭއިރު އެއީ 11،070 ދިވެހީންނާއި 2،675 ބިދޭސީންނެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެނީ ކުޅުދުއްފުށި ސިޓީގައި އެވެ. އެރަށުގައި ޖުމުލަ 10،251 މީހުން ދިރިއުޅެމުންދާއިރު އޭގެ ތެރޭގައި ހިމެނެނީ 9،265 ދިވެހީންނާއި 986 ބިދޭސީންނެވެ. ހދ އަތޮޅު ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުޅުދުއްފުށީގެ ރަޖިސްޓަރޑް އާބާދީއަކީ 10،604 މީހުންނެވެ.

ތިންވަނައަށް އެންމެ ގިނަ މީހުން އުޅެނީ ފޯއްމުލަކު ސިޓީގައި އެވެ. އެރަށުގައި އުޅެނީ 7888 ދިވެހިންނާއި 1278 ބިދޭސީންނެވެ.

ގދ ތިނަދޫގައި 6233 މީހުން ދިރިއުޅޭއިރު ދެން މުޅިންވެސް ހުރީ 5000 ދަށުގެ އާބާދީގެ ރަށްތަކެވެ. އެގޮތުން ނައިފަރުގައި 4814 މީހުން ދިރިއުޅޭއިރު ލ ގަމުގައި 4790 މީހުން އުޅެ އެވެ. 4499 މީހުން މާފުށީގައި އުޅޭއިރު ސ ފޭދޫގައި 4291 މީހުން ދިރިއުޅެ އެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ރާއްޖޭގައި 515،122 މީހުން އުޅޭއިރު އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 38،2751 މީހުންނެވެ. ބިދޭސީ 132،371 ދިރިއުޅެ އެވެ. މީގެ ތެރެއިން 41 އިންސަތަ މީހުން އުޅެނީ މާލޭގައި އެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި 46 އިންސަތަ މީހުން ދިރިއުޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355