ބަންގްލަދޭޝްގެ ސަރުކާރުން ހުއްދަދީފައިވާ ތައުލީމީ މުއައްސަސާތަކުގައި ކިޔަވަމުންދާ އަދި އިންޓާންޝިޕް ފުރިހަމަ ކުރަމުންދާ ދިވެހި ދަރިވަރުންނަށް ކޯހުގެ މުއްދަތު ފުރިހަމަ ވަންދެން ދިގު މުއްދަތުގެ ވިސާ ހަމަޖައްސައި ދޭން ބަންގަލަދޭޝްގެ ސަރުކާރުން ނިންމަވައިފިއެވެ.
މި ކަން ހާމަކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
މި ނިންމުމުގެ ސަބަބުން ބަންގްލަދޭޝްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނާއި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން، އެޤައުމުގެ ސަރުކާރުން ޤަބޫލުކުރާ ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި ތައުލީމު ހާސިލުކުރުމަށްފަހު ތަޖުރިބާ ހާސިލުކުރުމަށް އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އެ ދަރިވަރުންގެ ކޯހުގެ މުއްދަތު ހަމަވަންދެން އެޤައުމުގައި ތިބުމަށް ދިގު މުއްދަތުގެ ވިސާ ލިބިގެންދާނެ އެވެ.
މިއީ އެޤައުމުގައި ތައުލީމު ހާސިލުކުރަމުންދާ އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް ލިބިގެންދާނެ ލުއިފަސޭހައަކަށް ވާނެކަމެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައި އެޤައުމަށް ކިޔަވަންދިއުމަށާއި އިންޓާންޝިޕް ފުރިހަމަކުރުމަށް ދާން ޤަސްދުކުރާ ދަރިވަރުންނަށް ވެސް ލިބޭނެ ލުއި ފަސޭހައަކަށް ވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ ކުރިން ބަންގްލަދޭޝްގައި ކިޔަވާ ދަރިވަރުންނާއި އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކުން ކޮންމެ އަހަރަކު ވެސް ވިސާ އާ ކުރަން ޖެހެއެވެ. އަދި، ވިސާ ހޯދުމުގައި ވެސް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. އެކަމަކު، ބަންގްލަދޭޝް ސަރުކާރުގެ މި ނިންމުމާ އެކު ވިސާ ހޯދުމުގައި އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހި ކޯހުގެ މުއްދަތަށް ވިސާ ލިބިގެންދާނެއެވެ.
ބަންގްލަދޭޝް ސަރުކާރުގެ މި ނިންމުމާ އެކު، މިނިސްޓަރު ޝާހިދު ވަނީ ބަންގްލަދޭޝް ސަރުކާރަށާއި އެ ގައުމުގެ ޚާރިޖީ ވަޒީރު، އޭކޭ ޢަބްދުލް މުއުމިންއަށް ޝުކުރު އަދާކުރައްވައިފައެވެ.