twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އުރީދޫ ފަން ރަން ކުޅުދުއްފުށީގައި، ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Apr 4, 2023

އުރީދޫ މޯލްޑިވްސްއިން ބާއްވާ ފަން ރަން މިފަހަރު ކުޅުދުއްފުށިގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު އެވެ.

އުރީދޫއިން ބުނީ ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. ރަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އައި އުރީދޫ ކަލަރ ރަން އަޕްގްރޭޑްކޮށް ކުލައިގެ އިތުރުން މަޖާ ހަރަކާތްތަކާއެކު ބާއްވާ ދުވުމެކެވެ.

ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވޭނެ ހަރަކާތެކެވެ. މިއަހަރުގެ ފަން ރަން އަކީ ހދ އަތޮޅުގައި ބާއްވާނެ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަކަށް ވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ފަން ރަންގެ ކިޓް ދެ ކެޓަގަރީ އަކުން ލިބެން ހުންނަ އިރު، 100 ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭނެއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ގިނަ ފަރާތްތަކަކުން އިންތިޒާރުކުރާ ފަން ރަން ކުޅުދުއްފުށީގައި ބާއްވައި ހދ އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަމާއި މަޖާ ތަޖުރިބާތަކެއް ގެނެސްދިނުމަކީ އުރީދުއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ފަން ރަން ގެ އަމާޒަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހާސިލްކުރުމަށްޓަކައި ދުވުމަކީ މަޖާ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މީހުން އެއްތަނަކަށް ގެނައުން" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫން އެންމެ ފަހުން ފަން ރަން ބާއްވާފައިވަނީ ހުޅުމާލޭގައެވެ. އެ ދުވުމުގައި 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355