twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިޒްރޭލް ސިފައިން އަގްސާ މިސްކިތަށް ވަދެ ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ނަބީލާ އިސްމާޢީލް
Apr 6, 2023

ސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާގެ ތެރެއަށް އިޒްރޭލުގެ ސިފައިން ވަދެ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުން ދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުގެ ސިފައިން އަންގާރަ ދުވަހު މަސްޖިދުލް އަގުސާއަށް ވަދެ ހިންގި އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ވަނީ މުސްލިމުންގެ މުގައްދަސް ތިންވަނަ މިސްކިތް ކަމަށްވާ މަސްޖިދުލްއަގްސާގައި ރޭއަޅުކަން ކުރުމަށާއި އިއުތިކާފަށް ތިބި ފަލަސްތީނުގެ އެތައް ބަޔަކަށް، އިސްރާއީލު ސިފައިން ހުރަސްއަޅައި އޭގެތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް އަނެއް ބަޔަކު ގަދަބާރުން މިސްކިތުން ނެރުން ކުށްވެރި ކުރާ ކަމަށެވެ.

އެ ބަޔާނުގައި ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަން ފާހަގަކޮށް، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަން ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން އިޒްރޭލުގެ ސިފައިންގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ސަލާމަތީ މަޖިލީހާއި އާއްމު މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލުތަކެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، މެދުއިރުމަތީގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ހުރަސްއެޅޭކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ، ސުލްހަވެރި ހައްލެއް ލިބެން އޮތީ 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން، މުސްތަގީއްލު ފަލަސްޠީނެއް ގާއިމުކުރެވިގެންކަން ކަމަށް ވެސް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

އިޒްރޭލު ސިފައިން ވަނީ އަންގާރަ ދުވަހުގެ ރޭ ހާރުދަމުގެ ވަގުތުގައި މަސްޖިދުލްއަގްސާއަށް ލަޓިބުރިއާއި ހަތިޔާރާ އެކު ވަދެގަނެ އެ މިސްކިތުން 500އަށް ވުރެ ގިނަ ފަލަސްތީނު މީހުން ހައްޔަރުކޮށް ހާހަކަށްވުރެ ގިނަ މީހުން މިސްކިތުން ބޭރަށް ނެރެފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައާއި މިސްކިތުން ނެރުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355