twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީގައި އިޢުތިކާފަށް ތިބުމަށް ހަމަޖެއްސީ މަސްޖިދުލް ޙަޟާރާތު

ނަބީލާ އިސްމާޢީލް
Apr 10, 2023

މި އަހަރު ރަމަޟާންމަހުގެ ފަހުދިހާގެ އިޢުތިކާފްގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކުން އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވަނީ މަސްޖިދުލް ޙަޟާރަތް ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ބުނީ އިޢުތިކާފްގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކުން ތިބުމަށް ހަމަޖައްސާފައިވަނީ މަސްޖިދުލް ޙަޟާރަތުގެ މަތީބައިކަމުގަޔާއި މިއަޅުކަން އަދާކުރާ ފަރާތްތަކުން މިސްކިތާއި މިސްކިތުގެ ގޯތިތެރޭގެ ސާފުތާހިރުކަން ނުގެއްލޭނެހެން އަދި މިސްކިތުގެ ހުރުމަތްތެރިކަން ކުޑަނުވާނެ ގޮތުގެމަތިން އަޅުކަމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެ އެވެ.

ރޯދަމަހުގެ ފަހު 10 ގައި ޖަމާއަތުގައި ކުރާ ދަމު ނަމާދު ކުރާއިރު އިއުތިކާފަށް އިނުމަކީވެސް ގަދަވެގެންވާ ސުންނަތެކެވެ. ކުޅުދުއްފުށީގައި މިއަހަރުވެސް ދަމުނަމާދު ހުރިހާ މިސްކިތްތަކެއްގައި ކުރާނެ އެވެ.

އިއުތިކާފުގެ އަޅުކަމަކީ ﷲ ތަޢާލާއަށް ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި ގާއިމުވެ ހުރުމެވެ.

ރަމަޟާންމަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަވަން ބޭނުންވާ މީހާ މިސްކިތަށް ވަންނާނީ 20 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިންނެވެ. މިއީ ޖުމްހޫރު އިލްމުވެރިންގެ ރަޢުޔުއެވެ. އަދި ހަތަރު މަޒްހަބުގެ އިމާމުންގެ މަޒްހަބަކީވެސް މިއީ އެވެ. އަދި ފަހުގެ އިލްމުވެރިންގެ ތެރެއިން އައްޝައިހް މުހައްމަދު ބުން ޞާލިޙުލް ޢުޘައިމީންގެ ރައުޔަކީވެސް މިއީ އެވެ.

އަދި ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަން ބޭނުންވާ މީހާގެ އެއްމެ ބޮޑު މަގުސަދަކަށް ވާނީ ލައިލަތުލް ޤަދުރީގެ މާތްކަން އެންމެ ފުރިހަމަ ގޮތުގައި ހޯދުމެވެ. 21 ވަނަ ދުވަހުގެ ފަތިސް ނަމާދަށްފަހުގައި އިޢުތިކާފަށް ވަންނަ މީހާއަށް ފަހު ދިހައެއްގެ އޮނަހިރި ރެއްއެއް އެބަގެއްލެއެވެ. ނަމަވެސް 20 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން މިސްކިތަށް އިޢުތިކާފަށް ވަންނަމީހާ އަށް ފަހުދިހައެއްގެ ހުރިހާ ރެއެއް ފުރިހަމަ ގޮތުގައި ލިބޭނެ އެވެ.

އިޢުތިކާފުން ނިކުންނާނީ ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރު އޮއްސުމަށް ފަހުގައެވެ. އެއީ ރަމަޟާން މަސް ނިމުނީމަ އެވެ. އަދި އެރޭ މިސްކިތުގައި ހޭދަކުރުމަށްފަހު މީސްތަކުންނާއެކު އީދު ނަމާދުކުރުމަށްފަހު ނުކުތުން މުސްތަޙައްބު ކަމަށް ސަލަފުންގެ ބައެއް އިލްމުވެރިން ދެކިލައްވައެވެ. އަދި މުސައްލާގައި އީދު ނަމާދު ކުރާ މީހެއްނަމަ، މުސައްލައަށް ދިޔުމުގެ ކުރިން ފެންވަރައި މީރުވަސްދުވާތަކެތި ލުމަކީ އީދުގެ ސުންނަތުގެ ތެރެއިން ހިމެނޭކަމެކެވެ.

ނޯޓް: އިޢުތިކާފަށް ތިބުމާ ބެހޭގޮތުން ލިޔެފައިވާ ބަޔަކީ ދި ސަލަފް މަޖައްލާގައި ބިލާލު އަބުދުއްސައްތާރު ލިޔެފައިވާ ލިޔުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355