އިބްރާހިމް ހަމީދު
ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހދ. ހަނިމާދޫ ބޯގަންވިލާ މުހައްމަދު އާދަމް (ބޮޑޭ) އަށް އެހީތެރިވުމުގެ ގޮތުން މިރޭ ކުޅުދުއްފުށީގައި ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.
މިފަންޑުފޮށި ބެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ރައީސް އަހްމަދު އާތިފް ވިދާޅުވީ މިރޭ ބެހެއްޓި ފަންޑު ފޮއްޓަކީ ބޮޑޭގެ ދެކިޑްނީގެ 90 ޕަސެންޓް ފެއިލްވުމާއި ގުޅިގެން ކުޅުދުއްފުށިން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން އެއާއިލާއިން އެދުމުން އެޖަމިއްޔާއާއި ކުޅުދުއްފުށީގެ އެހެނިހެން ޖަމިއްޔާތަކާ ގުޅިގެން ބެހެއްޓި ފަންޑު ފޮއްޓެއް ކަމަށެވެ. އޭގެއިތުރުން މުހައްމަދު އާދަމް އަކީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ކިޔެވި ދުވަސްވަރު އަހްމަދު އާތިފްގެ ވަރަށް ގާތް ރައްޓެއްސެއްކަމަށް ވިދާޅުވިއެވެ.
މިރޭ ހުޅުވި އެ ފަންޑު ފޮއްޓަށް ލިބޭ ހުރިހާ ފައިސާއެއް މުހައްމަދު އާދަމްގެ ބަލީގެ ފަރުވާ އަށް ހަރަދުކުރުމުގެ ގޮތުން އެއާއިލާ އާ ހަވާލުކުރާނެކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތުން މައުލޫމާތު ދެއެވެ. ފަންޑު ފޮށި ބެހެއްޓުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް ވަހީދު އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކުރިމަތިން ބަންޑާރަމަގުގައި ހުންނަ އެމްއޯސީ ބުކްޝޮޕްގައި ބަހައްޓާފައިވާ މިފަންޑު ފޮށި ބެހެއްޓުމުގެ ރަސްމިއްޔާތުގައި މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ހަސަން ޒިޔާދާއި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދުގެ އިތުރުން ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކުގެ އިސް މެމްބަރުން ބައިވެރިވެފައިވެއެވެ.
މުހައްމަދު އާދަމް (ބޮޑޭ)ގެ އާއިލާގެ ފަރާތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން، ބުނެފައިވަނީ ބޮޑޭގެ ދެކިޑްނީގެ 90 އިންސައްތަ ވަނީ ފެއިލްވެފައިވާ ކަމަށެވެ. އަދި ވަގުތީ ފަރުވާއެއްގެ ގޮތުން ޑައިލެސިސް ހަދަމުން ގެންދިޔަ ނަމަވެސް ހާލު ރަނގަޅުވަމުން ނުދާ އެއްސަބަބަކީ ބަލީގެ ސަބަބުން ބޮޑޭއަށް ނަފްސާނީ ގޮތުން އަސަރު ކުރަމުން އަންނާތީ ކަމަށް އާއިލާއިން ބުނެއެވެ.
“ބޮޑޭގެ ދާއިމީ ފަރުވާއަށް (ކިޑްނީ ޓްރާންސްޕްލާންޓް އަށް) ގާތްގަނޑަކަށް 6 ލައްކަ އެއްހާ ރުފިޔާ ނުވަތަ 35 ހާސް ޑޮލަރު ހަރަދުވާނެކަމަށް ލަފާކުރެވޭ. މިހާރު ހެޔޮއެދޭ ބައެއްފަރާތް ތަކުގެ އެހީ ދަނީ ލިބެމުން. ފަންޑު ފޮށިތަށްވެސް ރަށުގެ އެކި ހިސާބުގައި ވާނީ ބެހެއްޓިފަ. ކައިރި ރައްރަށަށް އެންގުމަށް ސިޓީ ފެކްސް ކުރުމުގެ ކަންތައް މިހާރުމިކުރަނީ.” ބޮޑޭގެ އާއިލާގެ ފަރާތުން މިނޫހަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވެއެވެ.
ގުޅޭލިޔުން: ބޮޑޭ އަށް އެހީތެރި ކަމުގެ އަތެއް