twitterviber whatsapp telegramfacebookyoutube instagram
18th April 2024

ފައިސާގެ އިނާމު ބޮޑުކޮށް ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Apr 13, 2023

ކުޅުދުއްފުށި ސިޓީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތުގެ ދެވަނަ އެޑިޝަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު އެވެ. މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ފުރަތަމަ ބައިވެރިވާ 8 ޓީމަށެވެ. އަދި ރެޖިސްޓްރީވުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިންނެވެ.

މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށް ދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިް ދުރުކޮށް ރަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެ އެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި މިމުބާރާތުގައި ބޭނުންކުރާނީ ފީފާ މެޗް ސްޓޭންޑާޑް 5 ނަމްބަރު ފުޓްބޯޅަ އެވެ.

މުބާރާތަށް ހޮވޭނީ އެންމެ ފުރަތަމަ ފޯމު ހުށައަޅާ 8 ޓީމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭއިރު މުބާރާތުގައި ބައިވެރިވެވޭނީ ރަސްމީކޮށް (މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތް މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަންގައި) ރަޖިސްޓްރީކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. އަދި ކޮންމެ ކުލަބަކަށްވެސް ބައިވެރިކުރެވޭނީ އެންމެ ޓީމެކެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުން ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑިއަކީ 15 މެއިވާ ހޯމަދުވަހުގެ މެންދުރު 12 ގެ ކުރިންނެވެ.

ކޮންމެ ޓީމެއްގައިވެސް ހިމެނޭނީ 22 ކުޅުންތެރިންނާއި 5 އޮފިޝަލުންނެވެ. ޓީމުގައި ގިނަ ވެގެން ހިމެނޭނީ ރަށުން ބޭރުގެ 3 ކުޅުންތެރިންނެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިން ވެސް ހިމެނޭނެ އެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ އަދަދަށް ރިއާޔަތްކޮށް އިތުރު އެހެން ރަށްރަށުގެ ޓީމުތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކުރެ އެވެ.

މުބާރާތް ކުޅެވޭނީ ކަޕް ފޯމެޓަށެވެ. އަދި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި 5 ޓީމަށް ވުރެ ގިނަވެއްޖެނަމަ މުބާރާތް ކުޅޭނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ މެޗަކުންވެސް މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު އެއްވަރުވެއްޖެނަމަ ދެޓީމަށް ވެސް 1 ޕޮއިންޓް ލިބޭނެ އެވެ. އަދި ބަލިވެއްޖަނަމަ އެއްވެސް ޕޮއިންޓެއް ނުލިބޭނެ އެވެ.

ގްރޫޕުގެ ވަނަތައް ކަނޑައަޅާއިރު ބަލާ އުސޫލުތަކުގެ ތަރުތީބު:

ޖުމްލަ ޕޮއިންޓް
ޖުމްލަ ފައިދާ ގޯލު
ޖުމްލަ ޖެހި ގޯލު
ޖުމްލަ ބައިކޮޅަށް ވަން ގޯލު
2 ޓީމުގެ ހެޑް ޓު ހެޑް
ހުރިހާ ގޮތަކުންވެސް އެއްވަރުވެއްޖެނަމަ އިތުރު މެޗެއް ކުޅެވޭނެ އެވެ.

މުބާރާތުގެ ގަވައިދަކީ ފީފާގެ "ލޯސް އޮފް ދަ ގޭމް" އެވެ. މެޗެއްގައި 5 ބަދަލުކުރުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެ އެވެ.

މުބާރާތުގައި ހޮވޭ ވަނަތައް:

ޗެމްޕިއަން ޓީމު (ޓްރޮފީ) 60000 ރުފިޔާ: މިއީ މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތެވެ.
ރަނަރއަޕް ޓީމު (ޓްރޮފީ) 15000 ރުފިޔާ
ފެއަރ ޕްލޭ ޓީމު (ޝީލްޑް)
ބެސްޓް ޕްލޭޔަރ (ޓްރޮފީ) 2500 ރުފިޔާ
ބެސްޓް ޔަންގް ޕްލޭޔަރ (ޓްރޮފީ) 2000 ރުފިޔާ
ބެސްޓް ސްޓަރައިކަރު، މިޑްފީލްޑަރު އަދި ޑިފެންޑަރާއި ގޯލްކީޕަރު (ޓްރޮފީ) 1500 ރުފިޔާ
ޓޮޕް ސްކޯރާ (ޓްރޮފީ)
ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް (ޓްރޮފީ)
ބެސްޓް ކޯޗު (ޓްރޮފީ)

މިދިޔަ އަހަރަށްވުރެ މިއަހަރުގެ މުބާރާތުގެ އަގުބޮޑުއިރު މިއީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ފުރަތަމަ އެޑިޝަންގެ ތަށި ހިއްލާލާފައިވަނީ ފައިނަލުގައި ސްކައި ބަލިކޮށް ކުލަބް ކޮރަލްސްއިންނެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށްދީފައިވަނީ 50 ހާސް ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ދިނީ 10 ހާސް ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355