twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުއާޓާގެ ފުރަތަމަ ލެގުގައި ރެއާލަށް މޮޅެއް، އޭސީ މިލާނުން ނަޕޯލީގެ މައްޗަށް ކުރިހޯދައިފި

މުޙައްމަދު އަހުމަދު
Apr 14, 2023

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިއްޔެ ކުޅެވުނު ފުރަތަމަ ލެގުގެ މެޗުތަކުން ރެއާލް މެޑްރިޑުން ޗެލްސީ ބަލިކުރިއިރު އޭސީ މިލާނުން ނަޕޯލީގެ މައްޗަށް ކުރިހޯދައިފި އެވެ.

ފުރަތަމަ ލެގުގައި ރޭ ރެއާލުން ޗެލްސީގެ މައްޗަށް ކުރި ހޯދީ 2 - 0 ގެ ނަތީޖާއަކުންނެވެ. އަދި ނަޕޯލީގެ މައްޗަށް އޭސީ މިލާނުން ކުރިހޯދީ 1 - 0 ގެ ހަނި ތަފާތަކުންނެވެ.

ރޭގެ މެޗުގެ 21 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ ލަނޑުން ރެއާލުން ވަނީ ލީޑު ނަގާފަ އެވެ. މެޗު އެއްކޮށްހެން ޑޮމިނޭޓްކޮށްގެން ރެއާލުން ކުޅުނުއިރު އެޓީމުން ޗެލްސީގެ ގޯލާ އަމާޒުކޮށް 10 ހަމަލާ ފޮނުވާލިއިރު ޗެލްސީއަށް ފޮނުވާލެވިފައިވަނީ އެންމެ 3 ހަމަލާ އެވެ.

ޖުމްލަ 16 ޝޮޓު ރެއާލުން އުފެއްދިއިރު ޗެލްސީއަށް ކުރިއޭޓްކުރެވުނީ 7 ޝޮޓެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 ލަނޑުގެ ތަފާތުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޗެލްސީންނެވެ. މެޗުގެ 59 ވަނަ މިނެޓުގައި ރެއާލްގެ ރޮޑްރީގޯއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޗެލްސީގެ މިޑްފީލްޑަރު ބެން ޗިލްވެލްއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

10 މީހުންނާއެކު ޗެލްސީން ކުޅެމުން އައިއިރު އެކަމުގެ ފައިދާ ރެއާލުން ނެގި އެވެ. 71 ވަނަ މިނެޓުގައި ރޮޑްރީގޯގެ ބަދަލުގައި ކުޅެން ނުކުތް މާކޯ އެސެންސިއޯ ވަނީ ދަނޑަށް އެރިތާ ގާތްގަނޑަކަށް 3 މިނެޓުފަހުން ރެއާލަށް ލީޑު ފުޅާކޮށްދީފަ އެވެ.

ރޭގެ އަނެއް މެޗުގައި އޭސީ މިލާނުން ނަޕޯލީގެ މައްޗަށް ކުރިހޯދީ 1 - 0 ގެ ހަނިތަފާތަކުންނެވެ. މިމެޗުގެ ހަމައެކަނި 40 ވަނަ މިނެޓުގައި މިލާނަށް ޖަހައިދިނީ އިސްމާއިލް ބެނާސާ އެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ނަޕޯލީން ކަމުގައިވީ ނަމަވެސް އެޓީމަށް ވަނީ މެޗުގައި އޭސީ މިލާނުގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.

މިމެޗުގެ 74 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު ނަޕޯލީގެ މިޑްފީލްޑަރު އަންދްރޭ ފްރޭންކް ޒަމްބޯ އަންގީސާއަށް ރެފްރީ ވަނީ ހަނާންޑޭޒްއަށް ކުރި ފައުލާ ގުޅިގެން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. ނަޕޯލީން މެޗުގެ ބާކީބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

ދެވަނަ ލެގުގެ މެޗުތައް ކުޅެވޭނީ މިމަހުގެ 19 އަދި 20 ވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ނަޕޯލީން އޭސީ މިލާނާއި ދެކޮޅަށް 19 ވަނަ ދުވަހު ނުކުންނައިރު ޗެލްސީން ނުކުންނާނީ ރެއާލްއާ ދެކޮޅަށެވެ.

އަދި 20 ވަނަ ދުވަހު އިންޓަ މިލާނުން ނުކުންނާނީ ބެންފިކާއާ ދެކޮޅަށެވެ. މިދެޓީމު ކުޅުނު ފުރަތަމަ ލެގު 2 - 0 ން ކާމިޔާބުކުރީ އިންޓައިންނެވެ. އަދި އެދުވަހުގެ އަނެއް މެޗުގައި ބަޔާނުން ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ. މިދެޓީމު ކުޅުނު ފުރަތަމަ ލެގުން 3 - 0 ން ކުރިހޯދާފައިވަނީ މެންޗެސްޓަރ ސިޓީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355