twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޗެލްސީ ކަޓުވާލާ ރެއާލް ސެމީއަށް، މިލާނުން 16 އަހަރަށް ފަހު ސެމީއަށް

މުޙައްމަދު އަހުމަދު
Apr 19, 2023

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ޗެލްސީ ކަޓުވާލާ މުބާރާތުގެ ސެމީއަށް ދަތުރުކުރިއިރު 16 އަހަރަށްފަހު އޭސީ މިލާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.

ރޭ ރެއާލުން ޗެލްސީގެ މައްޗަށް ކުރިހޯދީ 2 - 0 ންނެވެ. ފުރަތަމަ ލެގު ވެސް ރެއާލުން ކާމިޔާބުކުރީ 2 - 0 ންނެވެ. އެގްރިގޭޓަށް ބަލާއިރު ރެއާލުން މެޗު ކާމިޔާބުކުރީ 4 - 0 ންނެވެ.

13 ފަހަރު ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި ހިއްލާލާފައިވާއިރު ސާދަވަނަ ފަހަރަށް އެޓީމުން ތަށި ހޯދުމަށް ސެމީގައި ނުކުންނަން ޖެހޭނީ މިރޭ ބަޔާނާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗުން ކުރިހޯދާ ޓީމަކާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ރެއާލުގެ ދެލަނޑު ވެސް އެޓީމަށް ޖަހައިދިނީ އެޓީމުގެ ބްރެޒިލް ތަރި ރޮޑްރީގޯ އެވެ. ފުރަތަމަ ލަނޑު ވިނީޝިއަސް ޖޫނިއާގެ އެސިސްޓަކުން ރޮޑްރީގޯ ކާމިޔާބުކުރިއިރު ދެވަނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވަލްވާޑޭ އެވެ.

ރޭގެ އަނެއް މެޗުގައި އޭސީ މިލާނުން ނަޕޯލީއާ 1 - 1 ން އެއްވަރުވީ އެވެ. އެގްރިގޭޓް 2 - 1 ން މިމެޗު ކާމިޔާބުކުރީ އޭސީ މިލާނުންނެވެ. 7 ފަހަރު މުބާރާތުގެ ތަށި ހިއްލާލާފައިވާ މިލާނުން މުބާރާތުގެ ސެމީގައި އެންމެ ފަހުން ކުޅެފައިވަނީ މީގެ 16 އަހަރު ކުރިންނެވެ.

މިދިޔަ ހަފްތާ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1 - 0 ން މިލާނުން ނަޕޯލީ ބަލިކުރިއިރު ރޭގެ މެޗުން އެޓީމުން 1 - 1 ން އެއްވަރުވީ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އޮލިވިއާ ޖިރޫޑް ޖެހި ލަނޑާއެކު މިލާނުން ފުރަތަމަ ހާފު ނިންމާލީ އެއްލަނޑުގެ ލީޑެއްގަ އެވެ. ނަޕޯލީން ރޭގެ މެޗުގައި ނަތީޖާ ހަމަކުރީ އިތުރުވަގުތުގެ ތިން ވަނަ މިނެޓުގައި އޮސިމެން ޖަހައިދިން ލަނޑުންނެވެ.

އޭސީ މިލާނުން ސެމީގައި ނުކުންނަން ޖެހޭނީ މިރޭ ބެންފިކާއާއި އިންޓަ މިލާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355