ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ ރައްޔިތުންނަށް ފަރުވާ ލިބޭނެ ގޮތް ފަސޭހަ ކޮށްދިނުމަށް، އެ ފަރުވާ އާސަންދައިގެ ނިޒާމުގެ ތެރޭގައި ހިމެނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށްފި އެވެ. މަޖިލީހަށް މި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މިގަރާރުގައިވަނީ ބޭސްފަރުވާގެ ހިދުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހިލޭ ލިބެންޖެހޭ ހިދުމަތެއްކަމަށް ކަނޑައަޅައި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމެއް ގާއިމްކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިނިޒާމުގެ ތެރެއިން ބޭސްފަރުވާގެ ބައެއް ކަންކަން ނުކުރެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
އިޖުތިމާއީ ކޮމިޓީގެ ރިޕޯޓުގައި ގަރާރާ ގުޅިގެން ތިން ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މި މައްސަލައިގައި ރާއްޖޭގައި ދަރިމައިވާ ރޭޓު ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުމެއް ހުރިތޯ ބެލުމަށް ދިރާސާއެއް ހެދުމަށް ކޮމިޓީން އިސްނެގުމަށް ވަނީ ހިމަނައިފަ އެވެ.
މިކަމަށް ކުރަން ޖެހޭ ފަރުވާތައް އާސަންދައިގައި ހިމަނަން ޖެހޭ ކަމަށާއި އެކަމަށް ގެންނަން ޖެހޭ ގަވައިދުތަކަށް އިސްލާހު ކުރަން ޖެހޭކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މި ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ލިބެން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ގަރާރުގައި ބުނެފައިވާ ގޮތުގައި މި މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވައިދުން ހޯދަން ޖެހޭ ބައެއް ބޭސްތައް ރާއްޖޭން ހޯދުމަށް ތަފާތު އުނދަގޫތައް ކުރިމަތިވާކަން އެ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ.
"ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސް ވެސް ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ސްކީމް (އާސަންދަ)ގެ ދަށުން ނުލިބޭތީއާއި، ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަ ކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައި، މި މައިގަނޑު މައްސަލައާ ގުޅޭ އެއްވެސް ރަނގަޅު ފެންވަރެއްގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތް،" ގަރާރުގެ ބުނެފައިވެ އެވެ.
ގަރާރުގައިވާ ކަންކަން ކޮމިޓީ ރިޕޯޓުގައިވާ ލަފާތަކާއެކު ތަންފީޒުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ދަރިމައިވުމުގެ މައްސަލަ ކުރިމަތިވާ އާބާދީ ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަކީ މިހާރު ރާއްޖެއިން ފަރުވާދެވެން ނެތް ކަމެކެވެ.