ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮ ކުރަން ތާއިދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވިޔަފާރި މުއާމަލާތްތަކުގައި ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގު ކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނާ އެއްގޮތަށް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.
މިއާއެކު ކޮތަޅު ބޮޑީގެ އަގު ވަނީ ވަރަށް މައްޗަށް އަރައިގެން ގޮސްފައެވެ. އެހެންވުމުން ވިޔަފާރިވެރިންނާއި އާއްމުންގެ ކަންބޮޑުވުން ވަނީ ކުރިމަތިވެފަ އެވެ.
މިކަން ހައްލު ކުރުމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިހާރު ވަނީ މަޖިލީސްއަށް ހުށަހަޅައިފައެވެ. އަދި މިއަދު އެެކަމުގެ ބަހުސްތައް ފެށުމަށް ވަނީ ތާވަލު ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށްވާއިރު ޕްލާސްޓިކް ކޮތަޅު އެތެރެކުރުން ކޮންޓްރޯލް ކުރެވޭނީ އުގޫބާތެއް ކަނޑައެޅުމުގެ ގޮތުން ޓެކްސް ބޮޑުކޮށްގެން ކަމަށެވެ.
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވަނީ އެކަން އެނގިތިބެގެން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މިމަހުގެ ތެރޭގައި ބޮޑުކުރުމަށްފަހު ހަމަ މިމަހުގެ ތެރޭގައި އެ ފީ ކުޑަކުރަން ސަރުކާރުން މަސައްކަތް ފެށުމުން ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ "ސަރުކާރުގެ ސިޔާސަތު ލާހޫރޭ ކަމީ" އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް ކަމަށެވެ.
އެމަނިކުފާނު ވަނީ ޕްލާސްޓިކް ކޮތަޅުގެ އަގު ދަށް ކުރަން ތާއިދު ނުކުރައްވާ ކަަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސިޔާސަތު ލާހޫރޭކަމީ އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް ކަމަށްވެސް ވިދާޅުފިއެވެ.