އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ހުޅުވާލުމުން އެންމެ ކެންޑިޑޭޓެއް ކުރިމަތިލި ތިން ރަށެއްގެ ކެންޑިޑޭޓުން ވޯޓަކައި ނުލައި އިންތިހާބު ވެއްޖެ އެވެ. އެ ތިން ރަށުން ވެސް ގޮނޑި ލިބިފައިވަނީ ޕީޕީއެމްއަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު، މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބުތަކުގެ ތެރެއިން ވޯޓަކާ ނުލައި މެންބަރުން ހޮވުނީ، ށ މާއުނގޫދޫ، ރ މީދޫ، އަދި ގދ ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ.
މާއުނގޫދޫގެ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ އާއިޝަތު ހަނީފާއެވެ. އަދި މީދޫ އަންހެނުންގެ ކޮމެޓީގެ މެންބަރުކަމަށް ވަސީމާ އިބްރާހީމް ހޮވިފައިވާއިރު، ވާދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ހޮވުނީ ލިއުޝާ އިބްރާހީމްއެވެ.
އިލެކްޝަންސް ކޮމިޝަނުން 10 ރަށެއްގެ ބައި-އިލެކްޝަން ބާއްވަން ހުޅުވާލުމުން ފ ނިލަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެއްވެސް ބޭފުޅަކު ކުރިމަތިލާފައެއް ނުވެ އެވެ. އެހެންކަމުން ބާކީ ހަ ރަށުގައި އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.
ޤާނޫނުގައި އެންމެ ފުރަތަމަ އޮތް ގޮތުން އަންހެނުންގެ ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދީފި ނަމަ، 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރެއެވެ. ނަމަވެސް ގާނޫނަށް ފަހުން ގެނައި ބަދަލާއެކު އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ. އަދި އަންހެނުންގެ ކޮމެޓީގެ ކޯރަމް ހަމަނުވާ އަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، ގާނޫނުގައި އޮންނަ ގޮތުގެ މަތީން އިންތިހާބު ބާއްވަންޖެހެއެވެ.
ޑަބްލިއުޑީސީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ނިންމީ މިފަދަ އިންތިހާބުތައް ގިނަގިނައިން ބާއްވަން ޖެހުމުން އިންތިހާބުތަކަށް ބޮޑު ހަރަދެއް ކުރަންޖެހުމާ ގުޅިގެން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމަށެވެ.