ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހުގެ ޖަލްސާ މާދަމާއަށް ތާވަލުކޮށްފިއެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާދަމާ އެންމެ ފަހުގެ ޖަލްސާ ބާއްވައި މެންދުރު 12 ޖަހާއިރު ޖަލްސާ ނިންމާލަން ގަސްތުކުރައްވާ ކަމަށެވެ.
އެހެންވެ މަޖިލީހުގެ މެމްބަރުންނަށް ދެ ހަފްތާގެ ޗުއްޓީ ލިބޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ.
އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމައިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް މި ދައުރުގައި ކޮންމެހެން ނިންމަން ޖެހޭ މަސައްކަތްތައް ހުރުމުން އެކަންކަން ނިންމަން ޖަލްސާ މާދަމާ ބާއްވަން ނިންމީ ކަމަށް ބެލެވެއެވެ.
މި ދައުރުގައި ނިންމަން އަމާޒު ހިފާފައިވާ ބިލެއްގެ ތެރޭގައި ކުނި މެނޭޖު ކުރުމުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބިލު ހިމެނެއެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މިހާރު ވަނީ ފަށައިފައެވެ.
އެ ބިލު ހުށަހެޅީ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށުމުން ވިޔަފާރިވެރިން އަތުންވެސް އެ ޓެކްސް ނަގަން ފެށުމުން ކޮތަޅުގެ އަގު އިންތިހާއަށް ބޮޑެވެ އަމާޒުވި ފާޑުކިއުންތަކާ ގުޅިގެންނެވެ.
އެހެންވެ ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ 50 ކޮތަޅަށް ވުރެ ގިނައިން ގަންނައިރު ދެ ރުފިޔާގެ ކޮތަޅު ޓެކްސް ދެއްކުން އިސްތިސްނާވާ ގޮތަށެވެ.
ސަރުކާރުން ބުނީ މީގެ ކުރިން ވެސް ބިލު ހުށަހެޅީ އެގޮތަށް ކަމަށާއި ނަމަވެސް ކޮމިޓީ މަރުހަލާގައި އެ މާއްދާ އުނިކޮށް މަޖިލީހުން ފާސްކުރީ ކަމަށެވެ.