twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޖެންޑަ މިނިސްޓްރީގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް

ނަބީލާ އިސްމާޢީލް
May 3, 2023

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ. މިކަން އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3/2023 ދެންނެވުމުގައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ މާލެ ސަރަހައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒު" ގެ ނަމުގައި މަރުކަޒެއް އުފައްދަވާފައެވެ.

ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަހައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމެވެ.

އަދި އެމަނިކުފާނު ވަނީ "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް" މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް އިއްޔެއިން ފެށިގެން އިތުރުކުރައްވާފައެވެ.

އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވީ، މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ސިއްހަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ގާއިމުކުރުމަށެވެ

ހަމަ އެއާއެކު އެމަނިކުފާނު ވަނީ އެސާވިސަސްގެ ދަށުން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" ން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލައްވާފައެވެ.

މި ބަދަލުތައް ރައީސް ގެންނަވާފައިވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންކަމުގައި މި ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.

މި ބަދަލުތައް ގެނައުމުގެ ސަބަބުން ދެންއަންނާނެ ބަދަލުތަކާ މި ބަދަލު ގެންނެވުމުގެ ބޭނުމާއި އެކަމުން ރައްޔިތުންނަށް ވާނެ ފައިދާތައް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ތަފްސިލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355