ކުޅުދުއްފުށީގައި އަންނަ ހުކުރުދުވަހު ހަވީރު ބާއްވާ އުރީދޫ ފަންރަންގައި ކުޅުދުއްފުށީގެ މަޝްހޫރު ބޮޑުބެރު ގުރޫޕް މިސްގާލުގެ ސަޅި ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ.
ފަންރަން ފަށާ ސަރަހައްދުކަމަށްވާ ރަށްމަތިފަންނު ސަރަހައްދުގައި ހުކުރުދުވަހު ހަވީރު މިސްގާލު ބޮޑުބެރުގެ ގުރޫޕުން ސަޅި ލަވަތާކައި ފަރި ނެށުމުގެ ހަރަކާތް ފެނިގެންދާނެ އެވެ.
މިހާރުވެސް ފަން ރަންގެ ކިޓު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކިޓު ދޫކުރަނީ ކުޅުދުއްފުށީގައި ހުންނަ އުރީދޫގެ ހެޑް އޮފީހުން ކަމަށެވެ.
ކުޅުދުއްފުށީގައި ހުންނަ އުރީދޫގެ ހެޑް އޮފީސް ހުންނާނީ ޖަލާލުއްދީން ސްކޫލުގެ ފުރަގަހު މަގުގަ އެވެ. ކިޓު ދޫކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 0900 - 1200 އަށް އަދި މެންދުރުފަހު 1400 - 1800 އަށެވެ. މީގެ އިތުރުން ރޭގަނޑު 2000 - 2200 އަށްވެސް ކިޓު ދޫކުރުން ކުރިއަށްދާނެ އެވެ.
ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭ މަޖާ ހަރަކާތްތަކެއް ހިމެނޭ މި ދުވުމަކީ 6 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކުރާ ދުވުމެކެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.
ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން އިންފްލޭޓަބަލް އޮބްސްޓޭކަލް އާއި ފެން އަދި ފޯމު ޖެހުމުގެ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އުރީދޫން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ދުވެފައި ނޫނީ ނަށަމުންވެސް ދުވުން ނިންމިދާނެ ކަަމަށެވެ.