twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުނިވާޒާތުގެ ކުނި އުކާލުމަށް ފަސޭހަ އިންތިޒާމެއް ހަނިމާދޫ ކައުންސިލުން ހަމަޖައްސައިދީފި

އަބްދުލް ވާހިދު ޙަސަން
May 4, 2023
1

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުމާއެކު ރައްޔިތުންނަށް ފަސޭހައިން ކުނި ކުނިއުކާލެވޭނެ އިންތިޒާމު ހަނިމާދޫ ކައުންސިލުން ހަމަޖައްސައިފި އެވެ.

އާންމުކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގޭބިސީތަކުން ކުނިވާޒާތުގެ ކުނި އުކާލުމަށް ބޭނުންކުރަނީ ޕްލާސްޓިކް ކޮތަޅެވެ. ނަމަވެސް ސަރުކާރުން ޕްލާސްޓިކް ކޮތަޅަށް ޓެކްސް ނަގަން ފެށުމާއެކު ގިނަ ބަޔަކަށް ކުނިވާޒާތުގެ ކުނި އުކާލުމަށް އުނގަދޫވި އެވެ. އެއީ އެކަމަށް އިތުރު ހަރަދެއް ކުރަން ޖެހުމުންނެވެ.

އެކަމަކު ހަނިމާދޫ ކައުންސިލުން މިވަނީ ރައްޔިތުންނަށް މިކަމުގައި ވަރަށް ލުއި ފަސޭހަ ގޮތެއް ހޯދައިދީފަ އެވެ. އެގޮތުން އެރަށުގެ ހުރިހާ ގޭބިސީތަކަށް ކުނިވާޒާތުގެ ކުނި އެޅުމަށް މިވަނީ ޑަސްބިން ހަދިޔާކުރަން ފަށާފަ އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ، ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކަށް ޑަސްބިން ހަދިޔާކުރަން ފަށާފައިވާ ކަމަށާއި ރަސްމީކޮށް ޑަސްބިން ހަދިޔާކުރަން ފެށީ މިއަދު ކަމަށެވެ. މިކަމުގެ ސަބަބުން ކުނި އުކާލުމަށް ކޮތަޅަށް ރައްޔިތުން ކުރަމުންދިޔަ ހޭދަ ނިމުމަކަށް އައީ އެވެ. އަދި ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ކުނިވާޒާތު ކުނި އުކާލެވޭނެ އެވެ.

ފިރާގު ވިދާޅުވީ، ކައުންސިލްގެ މާލިއްޔާއިން ލައްކައަކަށްވުރެ ބޮޑު ހޭދައެއްކޮށްގެން ފެށި މިމަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށެވެ. ގޭބިސީތަކަށް ހަދިޔާކުރި ޑަސްބިންތަކުގެ އިތުރުން އެ ޑަސްބިންތައް ހުސްކުރުމަށް ރަށުގެ 7 ސަރަހައްދެއްގައި ބޮޑެތި ޑަސްބިންތަކެއް ބެހެއްޓިފައިވާނެ ކަމަށެވެ.

ގޭބިސީތަކަށް ހަދިޔާކުރި ޑަސްބިންތައް ފުރުމުން ނުވަތަ އުކާލަން ބޭނުންވުމުން، އެ ގެޔަކާއި އެންމެ ކައިރި ސަރަހައްދެއްގައި އެކަމަށް ހާއްސަކޮށް ބަހައްޓާފައިވާ ބޮޑެތި ޑަސްބިންތަކަށް ހުސްކުރެވޭނެ ކަމަށެވެ. ކުނިވާޒާތުގެ ކުނި އުކާލަން ކުނިކޮއްޓަކަށް ކޮންމެހެން ރައްޔިތުން ދާން ނުޖެހޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުނިވާޒާތުގެ ކުނި އަޅަން ހާއްސަކޮށް އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ބޮޑެތި ޑަސްބިންތައް ހުސްކުރުމުގެ މަސައްކަތްކުރަމުންގެންދާނީ ކައުންސިލުން ގާއިމުކޮށްފައިވާ ވޭސްޓް މެނޭޖުމެންޓްގެ މުވައްޒަފުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355