twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ދައުވަތު އަތޮޅުގެ ހަތަރު ކުލަބަކަށް ދެނީ

އަބްދުލް ވާހިދު ޙަސަން
May 8, 2023

ކުޅުދުއްފުށީގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމުގައިވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ދައުވަތު އަތޮޅުތެރޭގައި ހަތަރު ކުލަބަކަށް ދިނުމަށް ނިންމައިފި އެވެ.

ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ރަނަރަޕު ޓީމަށް ހުށަހެޅިފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިދިޔަ 2022 ވަނަ އަހަރު ބާއްވަން ފެށި މިމުބާރާތަކީ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށް ހާއްސަކޮށް ބާއްވާ މުބާރާތެއް ނަމަވެސް، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށާއި އަދި ކުޅުދުއްފުށީގައި ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި އަވައްޓެރި ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކައިރި ރަށްރަށުގެ ޖަމިއްޔާތަކަށް ދައުވަތު ދިނުމަށް ވިސްނާކަމުގައި މިދިޔަ އަހަރުވެސް މޭޔަރު މުހައްމަދު އާތިފު ވަނީ ވިދާޅުވެފަ އެވެ.

ކޭއޯގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފު މިރޭ ވިދާޅުވީ، ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ދައުވަތު ހދ އަތޮޅުގެ ހަތަރު ކުލަބު ޖަމިއްޔާއަށް ދިނުމަށް ނިންމާ، ބައެއް ކުލަބުތަކަށް ދައުވަތު ދޭން ފަށާފައިވާ ކަމަށެވެ.

ދައުވަތު ދޭ ކުލަބުތަކުގެ ނަންތައް ހާމަނުކުރައްވާ، މޭޔަރު ވިދާޅުވީ، ދައުވަތު ދިނުމުގައި ބަލަނީ ކުޅުދުއްފުއްޓާއި އެންމެ ކައިރި ރަށްރަށުގެ ކުލަބުތަކަށް އިސްކަންދީގެން ކަމަށެވެ.

މިއަހަރު މުބާރާތުގައި ކުޅުދުއްފުށިން ބައިވެރިވީ ހަތަރު ޓީމު

ޖުމްލަ 8 ޓިމަކަށް ފުރުސަތު ލިބޭ ގޮތަށް މުބާރާތުގައި ބައިވެރިވުމަށް ކުޅުދުއްފުށީގެ ކުލަބު/ޖަމިއްޔާތަކަށް ހުޅުވާލި މުއްދަތު ހަމަވިއިރު ބައިވެރިވެފައިވަނީ ހަތަރު ޖަމިއްޔާއަކުންނެވެ. އެއީ ކުލަބް ކޮރަލްސް އާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް، ހިރަފުސް ސްޕޯޓްސް ކުލަބު އަދި މާއްޓޭ ސްޕޯޓްސް ނެވެ. މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)، ކުލަބް ކޮރަލް، ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ އިތުރުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އަދި މާއްޓޭ ސްޕޯޓްސް އެވެ.



މިއަހަރުގެ މުބާރާތް ފަށަން ތާވަލުކޮށްފައިވަނީ ޖޫންމަހުގެ ތިންވަނަ ދުވަހު އެވެ. މުބާރާތް ކުޅެވޭނީ ކަޕް ފޯމެޓަށެވެ. އަދި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި 5 ޓީމަށް ވުރެ ގިނަވެއްޖެނަމަ މުބާރާތް ކުޅޭނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ މެޗަކުންވެސް މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު އެއްވަރުވެއްޖެނަމަ ދެޓީމަށް ވެސް 1 ޕޮއިންޓް ލިބޭނެ އެވެ. އަދި ބަލިވެއްޖަނަމަ އެއްވެސް ޕޮއިންޓެއް ނުލިބޭނެ އެވެ.

މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށް ދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިން ދުރުކޮށް ރަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355