ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރި އިންޓެންސިވް ކުރިޓިކަލް ކެއަ ޔުނިޓް (އައިސީޔޫ) ގެ ހިދުމަތް މިއަދު ހުޅުވައިފި އެވެ.
އެކަމަށްޓަކާ މިއަދު ހެނދުނު އެ ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ. މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ އަޑަރ ސެކެރެކްޓްރީ މުހައްމަދު ހުނައިފް އާއި ކޭއާރުއެޗުގެ ބޯޑު މެމްބަރުންނާއި ނަރުހުންނާއި ޑޮކްޓަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަލަށް ހެދި އައިސީޔޫ ގާއިމުކޮށްފައިވަނީ އާ އިމާރާތުގެ ދެވަނަ ބުރީގަ އެވެ. ތަނަވަސް މި އައިސީޔޫގައި 6 އެނދު ހުންނައިރު 6 އެނދުގައިވެސް ބަހައްޓާފައިވަނީ ހަ ކޮޓަރީގައި އެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ބަލި މީހާ އޮންނައިރު ފެންނާނެހެން ބިއްޔޫރި ޖަހާފައިވާއިރު ކޮންމެ އެނދެއްގައިވެސް ވެންޓިލޭޓަރު ހުރެ އެވެ.
ޑައިލިސިސްގެ ހިދުމަތާއި އާއި ގައިން ގަޔަށް އަރާ ބަލިތަކުގެ މީހުންނަށް ވަކިން ފަރުވާދެވޭނެ އިންތިޒާމު ގާއިމުކޮށްފައިވާއިރު އައިސީޔޫގައި އެތެރެ ތަނަވަސްކަން ފާހަގަކުރެ އެވެ. އަދި އެތަނުގެ ތެރޭގައި ނަމާދުކުރަން ހާއްސަ ކޮޓަރި އާއި ޑޮކްޓަރުންނާއި ނަރުހުންގެ ބޭނުމަށް އެހެނިހެން އިންތިޒާމުތައްވެސް ގާއިމުކޮށްފައިވެ އެވެ.
މިހާރު ބޭނުންކުރަމުންދާ އައިސީޔޫގައި ހުންނަނީ ހަތަރު އެނދާއި ތިން ވެންޓިލޭޓަރެވެ. އަދި އެތަނުގައި ބާއްވައިގެން ޑައިލިސިސް ހެދޭނެ އިންތިޒާމެއްވެސް ނުހުރެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޭއާރުއެޗުގެ ސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، އާ އައިސީޔޫއާއެކު އިތުރު ކުރިއެރުމެއް ލިބި، ސަރަހައްދުގެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.
"އެހެންވުމުން މިއަދު މި ފުރުސަތު ފަހިވެގެން ދިޔަކަމަށްޓަކާ ޕްރޮޖެކްޓް ކުރިއަށްގެންދިޔުމުގައި އެކި ގޮތްގޮތުން ޝާމިލުވި ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވަން." ޑޭވިޑް ވިދާޅުވި އެވެ.
"ހަގީގަތުގައި މި ޕްރޮޖެކްޓް ކުރިއަށްގެންދިޔުމުގައި އަދި މި ޕްރޮޖެކްޓް މިހާ ހިސާބަށް ވާސިލުވުމުގައި އަދި މި ޕްރޮޖެކްޓްގެ މުހިންމުކަން އެކަމާ ގުޅުން ހުރި ފަރާތްތަކަށް ވާސިލުކޮށްދިނުމަށްޓަކާ ޑރ ނަޒީފު ކުރެއްވި މަސައްކަތްތަކީ ހަމަ ޝުކުރު ހައްގު މަސައްކަތެއް." އެ ހޮސްޕިޓަލުގެ އައިސީޔޫ އިންޗާޖް ޑރ ނަޒީފަށް ޝުކުރުއަދާކުރައްވަމުން ޑޭވިޑް ވިދާޅުވި އެވެ.
ޑޭވިޑް ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ މި އިމާރާތް ރާވާފައިވަނީ ދެ ބުރީގެ އިމާރާތަކަށް ނަމަވެސް އައިސީޔޫއެއްގެ މުހިންމުކަން ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް ވާސިލުކޮށްދިނުމަށްޓަކާ ޑރ ނަޒީފު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން މިއަދު މި ޕްރޮޖެކްޓް މި ހިސާބަށް އައިސްފައި މިއޮތީ ނަޒީފުގެ މަސައްކަތާއެކު ކަމަށް ޑޭވިޑް ވިދާޅުވި އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސިއްހީ ހިދުމަތް ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ބައިވަރު އެތައް ޕްރޮޖެކްޓެއް ހިންގިގެން ދިޔަ ކަމަށާއި އެގޮތުން ކޭއާރުއެޗުގެ ތަރައްގީއަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގުނުކަން ޑޭވިޑް ފާހަގަކުރެއްވި. އޭގެ ތެރޭގައި އިންސާނީ ވަސީލަތްތަކާއި އުމުރާނީ އަދި ހިދުމަތްތައް ތަރައްގީކުރުމަށްވެސް ގިނަ ކަންތައްތަކެއް ކުރެވުނުކަމަށެވެ.
ރައީސް އިބުރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް އިބުރާހިމް ފައިސަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި އައިޖީއެމްއެޗާއި ހެލްތް މިނިސްޓްރީގެ އިތުރުން ކޭއާރުއެޗުގެ ޓީމަށްވެސް އޭނާ ޝުކުރުއަދާކުރެއްވި އެވެ.