އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ހަބަރާއި މައުލޫމާތު މީޑިއާތަކުން ކަވަރުކުރުމާއި ގެނެސްދިނުމުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ އެއްގޮތަށް ގެނެސްދިނުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް މޯލްޑިވްސް މީޑިއާކައުންސިލުން އިލްތިމާސްކޮށްފި އެވެ.
އެކައުންސިލުން މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ މިފަދަ ހަބަރާއި މައުލޫމާތުތަކަކީ، އެ މައުލޫމާތު ގެނެސްދެވޭގޮތުން، އެހެން މީހުންނަށް އެފަދަ އަމަލުކުރުމަށް ހިތްވަރު ލިބިދާނެ، އަދި ޝައުގުވެރިކުރުވަފާނެ ފަދައިން މައުލޫމާތު ގެނެސްދެވިދާނެ ދާއިރާއަކަށްވާތީ އެކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "އަމިއްލައަށް މަރުވުމާއި، ޖިނާއީ ކުށްތަކާ ބެހޭ މައުލޫމާތު ޝާއިޢުކުރާއިރު އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެ ކަންކަމުގެ މައުލޫމާތު ޝާއިޢުކުރުމުން ދުރުހެލިވާނެ އެވެ." މިފަދައިންނެވެ.
އެހެންކަމުން، ހާއްސަގޮތެއްގައި އެފަދަ ހަބަރެއްގައި ކުޑަކުދިންގެ މައުލޫމާތު ހިމެނޭނަމަ، ކަމާގުޅޭ އެންމެހައި ގާނޫނުތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެކުދިންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް މައުލޫމާތެއް ޝާއިއުކުރުމަކީ އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި ކުޑަކުދިން އަމިއްލައަށް މަރުވާ ހަބަރުތައް މީޑިއާގައި ރިޕޯޓް ކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ.
އެގޮތުން މީހުން އަމިއްލަ އަށް މަރުވާ މައްސަލަތަކުގެ ހަބަރު ގެނެސްދިނުމަކީ އެފަދަ ކޭސްތައް އިތުރުވާ ސަބަބެއް ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކާފަވާތީވެ، އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ބާރު އަޅާފައިވާކަމަށެވެ.
ހަމަ އެހެންމެ، ނޫސްވެރިންގެ އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް ހަބަރު ފެތުރުމަށް ސަމާލުވެ، ހަބަރު ރައްދުވާ ފަރާތްތަކުގެ ކަރާމާތް ހިފަހައްޓައި، އެފަރާތްތަކުގެ ޒާތީ ކަންކަމަށް އިހުތިރާމްކުރުމާއެކު، ހަބަރު ގެނެސްދިނުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ފަރާތްތަކާ ދޭތެރޭ ހަމްދަރުދީ ވުމަކީ، މިފަދަ ހާލަތުތަކުގައި ބައިނަލްއަގުވާމީ ގޮތުންވެސް އަމަލުކުރެވޭ އެންމެ ރަނގަޅު މިންގަނޑު ކަމަށެވެ.
އެހެންކަމުން، މިފަދަކަންކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުޑަކުދިންނާއި ގުޅޭ ހަބަރާއި މައުލޫމާތު ޝާއިއުކުރާއިރު އެކުދިންގެ ކަރާމަތާއި ހައްގުތައް ހިމާޔަތްކުރުމަށް އިސްކަންދިނުމަށާއި، އެ ކުދިންގެ އައިޑެންޓިޓީ ހާމަވެދާނެފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ބޭނުންނުކުރުމަށް ސަމާލުކަންދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.