އިގުތިސާދު ސިންދަފާތުކުރުމަށްޓަކައި އާ އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ އާ ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ކްރޮސް ރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ " ގޯލްޑް 100 ގާލާ" ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބް ރައީސް ވިދާޅުވީ މި ސަރުކާރުން ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް އަބަދު ވެސް ދޭ ކަމަށާ ސަރުކާރުން ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާނެކަން ޔަގީންކޮށްދެއްވާކަމުގަ އެވެ.
ނައިބު ދެއްކެވި ވާހަކަފުޅުގައި އިގުތިސާދު ކުރިއަރުވައި ވަޒީފާތައް އުފެއްދުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި ގައުމީ ތަރައްގީއާއި މުޖުތަމައުގެ ލާބަޔާ މަންފާއަށް އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
ހަލުވިކަމާއި އެކު ބަދަލުވަމުން އަންނަ ދުނިޔެއެއްގައި، އިގުތިސާދު ސިންދަފާތުކުރުމަށްޓަކައި، އައު އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ، އައު ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިތުރު ކާމިޔާބީތައް ހޯދުމަށް، ވިލުންތެރި މަސައްކަތްތެރިން ބިނާކުރުމަށް އިސްކަންދެއްވުމަށްވެސް ކުންފުނިތައް ހިންގުމުގައި ހަރަކާތްތެރިވާ އިސްވެރިންނަށް ނައިބު ވަނީ ގޮވާލައްވާފައެވެ.
މިހަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ހައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަހުމަދު ނާޝިދަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މި ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ޙަވާލުކޮށްފައެވެ.
"ގޯލްޑް 100 ގާލާ" ހަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ. މި ހަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއާމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީއީއޯ އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.