twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިއްދޫގައި އިސްލާމީ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 17, 2023

ހއ ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް ކުންފުންޏާކާ މިއަދު ހަވާލުކޮށްފި އެވެ. މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި “ދިއްދޫ އިސްލާމިކް ސެންޓަރު” އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ.

އެސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އާރުސީސީގެ ޑިރެކްޓަރު އާދަމް ރަޙީމެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

މި ސެންޓަރު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 50،895،299.07 ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މި ސެންޓަރުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި އިދާރީ އޮފީހަކާއި ލައިބްރަރީއެއް ހުންނާނެ އެވެ.

އަދި މީގެ އިތުރުން ހަތަރު ކުލާސް ރޫމާއި ދެ ސެމިނާރ ރޫމު މި ސެންޓަރުގައި ގާއިމުކުރާކަމަށް މިނިސްޓްރީން ބުނެ އެވެ. އެއަރކޯނު ހަރުކުރަން ހަމަޖެހިފައިވާއިރު ކަރަންޓަށް ކުރާ ހަރަދު ކުޑަކުރަން އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިޔާތުގައި އިސްލާމިކް މިނިސްޓަރު ދެއްކެވި ވާހަކައިގައި މަސައްކަތް ވީހާވެސް އަވަހަކަށް ފަށާ، ބާރު ސްޕީޑުގައި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވި އެވެ. އަދި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާ ހުރި ކުންފުންޏަކަށް ވާތީ މަސައްކަތް ހަލުވިކަމާއެކު ފުރިހަމައަށް ކުރިއަށްގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

އަތޮޅުތެރޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ބާއްވަމުން އަންނަ ދިއްދޫގައި އިސްލާމިކް މަރުކަޒެއް އެޅުމުން އެރަށުގައި ގުރުއާނުގެ އިލުމު ކުރިއަރުވަން މިހާރުވެސް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ އެވެ. މި ރަސްމިޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355