twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުށްކުރުން ހުއްޓުވުމަށް ކުށްވެރީންނާ އަރައިހަމަކުރަންޖެހޭ: ނައިބު ރައީސް

ނަބީލާ އިސްމާޢީލް
May 18, 2023

ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަސީލަތްތައް ބަދަލުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެއްދުވަހަށް ކުރިޔަށް ގެންދިޔަ މިކޮންފަރެންސް ކުރިޔަށް ދިޔައީ އިއްޔެ ޖެން މޯލްޑިވްސްގައެވެ.

މިޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ކުށުގެވެއްޓަށާއި ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވައި، އެއާ އެއްވަރަށް ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ އިދާރަތައްވެސް ކުރިއަރައި އަދާހަމަވެފައި ވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި ވަސީލަތްތައް ފޯރުވައިދޭން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ވިދާޅުވީ އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާ ތަރައްގީކުރުމަށް މިސަރުކާރުން ވަރަށްބޮޑަށް ސަމާލުކަމެއްދީ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައްވެސް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މިގޮތުން ރާއްޖޭގެ އާބާދީކުޑަކަމާއި އެކަކު އަނެކަކާއި ގާތް މުޖުތަމައަކަށް ވުމުން ނުކުންނަ މަސައްލަތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ އަދުލު އިންސާފް ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ގައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި 2004 ވަނަ އަހަރު ރާއްޖޭގެ މުޅި ޤާނޫނު އަސާސީ އަލުން އިސްލާހުކޮށް އެކުލަވާލުމުގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ މުސްތަޤިއްލު ގޮތެއްގައި ތަހުގީގުތަކާއި ޝަރީއަތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައި ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއިއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ދެބައެއް އެކުލެވޭ މިޑާޓާބޭސްގެ ސަބަބުން އިދާރާތަކުގެ މެދުގައި ފަސޭހަކަމާއި އެކު މައުލޫމާތު ބަދަލުކުރެވޭއިރު، މިނިޒާމްގެ ތެރޭގައި ހިމެނޭ ތަފާސް ހިސާބު މައުލޫމާތުތައް އާއްމު ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުންނާނެއެވެ.

"އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ"ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަންނީ އެހީތެރިކަމާއި އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފްތިތާހު ކުރެވުނު، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްނަގައި މަސައްކަތްކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355