ޖަލުތަކުގައި އަނިޔާވެރި އަމަލުތައް ހިންގުމަކީ މާޒީކަމަށާއި، އެއްވެސް މީހަކަށް ޖަލުގައި އަނިޔާކުރާނަމަ އެކަން ކުރާ މީހަކަށް ވަޒީފާގައި ދެމި ނުހުރެވޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި މީހުންނަށް އަނިޔާކުރުމާއި ޖަލަށް ލެވޭ މީހުންނާމެދު އަމަލުކުރެއްވުމުގައި ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އިމްރާން ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ޖަލުތަކުގައި ކުރެވޭ އަނިޔާވެރި އަމަލުތައް ހުއްޓުވުމަކީ އެންމެ އިސްކަންދެއްވި އެއްކަންތައް ކަމަށެވެ. ޖަލުތަކުގައި ކުރެވޭ އަނިޔާ ރައީސް އިރުޝާދުގެ ދަށުން ހުއްޓުވައިފައިވާނެ ކަމަށާއި އެފަދަ ކުށްތައް ކުރާ އޮފިސަރުންނަށް ވަޒީފާގައި ދެމި ނުތިބެވޭނެކަން މިހާރު ޔަގީންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިހާތަނަށްވެސް އެފަދަ އަނިޔާތައް ކުރައްވާފައިވާ އޮފިސަރުން މަގާމުތަކުން ވަކި ކުރައްވާފައިވާނެކަމަށާއި އަނިޔާވެރި އަމަލެއް ހިންގަވާފައިވާ އެއްވެސް އޮފިސަރެއް ވަޒީފާގައި ނުބަހައްޓަނެކަމަށް ވަރަށް ސާފުކޮށް ދަންނަވާފައިވާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މި މަސައްކަތުގައި ފުރަތަމަ ފަހަރަށް ޑްރަގު ރިހިބިލިޓޭޝަން ޖަލުގައި ހިންގައި އެއް ބެޗު މިހާރު މުޖުތަމައަށް ނެރުއްވައިފައިވާކަން އިމްރާން ފާހަގަކުރެއްވިއެވެ. އަދި ދެވަނަ ބެޗުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މީގެ އިތުރުން މި މަސައްކަތާއެކު ޖަލަށްލެވޭ މީހުން އަނބުރާ މުޖުތަމައައަށް ނެރުއްވުމުގައި ބޮޑު އެހީތެރިކަމެއް ލިބިދޭކަމަށެވެ.