ހދ. ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޖަލެއް އެޅުމަށް މިއަދު ހޯމް މިިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.
ހޯމް މިނިސްޓްރީންގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޖަލު ހެދުމުގެ ފުރަތަމަ ފިޔަވަހި ހިންގަން ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.
ނޭކުރެންދޫގައި ޖަލެއް އަޅަން ފުރަތަމަ އިއުލާނުކުރީ 2010ގަ އެވެ. އެކަމަކު 12 އަހަރު ވެގެންދިޔަ އިރު މިއަދާ ހަމައަށް އައިއިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭ ގޮތް ވަނީ ނުވެފަ އެވެ.
މި އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ އަބްދުއްރަހްމާން ސަލާހް ރަޝީދެވެ. އަދި ޔުނިކް ޗޮއިސްގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީ އެވެ.
ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ އިތުރުން، ކަރެކްޝަނާއި ރިހެބިލިޓޭޝަން ދާއިރާއިން މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މުހިންމު މަސައްކަތެކެވެ.
"ނޭކުރެންދޫގެ ޖަލަކީ އިންޑަސްޓްރިއަލް ޕްރިޒަންއެއް. އޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން އެޖަލު ހިންގާނީ. އެއީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ދުނިޔޭގެ ގައުމުތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ ކާމިޔާބު ސިސްޓަމް" އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ލުއި ޖަލެއްގެ ގޮތުގައި ހަދާ އެ ތަނުން 300 ގައިދީންނަށް ޖާގަދޭނެ އެވެ.
އެކަމަކު ހޯމް މިނިސްޓްރީން އެ މައުލޫމާތު ހިއްސާނުކުރާތީ، ކޮންޓްރެކްޓުގެ އަގާއި ކުރަން ޖެހޭ މަސައްކަތްތަކާއި މަސައްކަތް ނިންމަން ޖެހޭ ތާރީހެއް ނޭނގެ އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގައި ކުށްކުރުން ގިނަވެފައިވާއިރު ކުށްވެރިން އަނބުރާ މުޖުތަމައަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި މި އިންޑަސްޓްރިއަލް ޖަލަކީ އެކަމަށް އޮތް ހައްލު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް މުޅިން އާ ކޮންސެޕްޓުގެ މި ޖަލުގެ މަސައްކަތް ނިމުމުން ކުށުގެ ވެއްޓަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.