ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޑރ. އަބްދުﷲ ފައިރޫޝް އިސްތިއުފާ ދެއްވައިފި އެވެ.
ފައިރޫޝް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ވަރަށް ވިސްނުމަށް ފަހު ކަމަށެވެ. އަދި ދައުލަތަށް ހިދުމަތް ކުރުމުގެ ބާބު ނިންމުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމް އަދާ ކުރައްވާފައިވާ ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2021 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ އައިސް ސިޔާސީ މަސައްކަތް ފެއްޓެވި އެވެ.
ފައިރޫޝް ފުރަތަމަ ފެނިގެން ދިޔައީ އެމްއެންޕީންނެވެ. އޭގެ ފަހުން ޕީއެންސީ ވެރިކަމަށް އައުމުން އޭނާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމް އައްޔަން ކުރެއްވި އެވެ. ފައިރޫޝް ހޯމް މިނިސްޓްރީ އާ ގުޅިވަޑައިގަތީ 2024 ވަނަ އަހަރު އޮކްޓޯބަރު މަހުގަ އެވެ.