twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފަންނުވެރިންގެ ހުނަރު ދައްކާލާ ކުރުނބާ އީދުގެ މުބާރާތް މިއަހަރުވެސް އޮންނާނެ

އަބްދުލް ވާހިދު ޙަސަން
May 25, 2023

އަޟްހާ އީދު ނުވަތަ ބޮޑު އީދާ ދިމާކޮށް ކުޅުދުއްފުށީގައި ސަގާފީ ގޮތުން ހަދަމުން އަންނަ އީދުގެ ނުވަތަ ކުރުނބާ އީދުގެ މިއަހަރުވެސް އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ. މިކަން މުޅިން އުވި ގޮސްފައިވަނިކޮށް މުބާރާތެއްގެ ގޮތުގައި ކުރުނބާ އީދުގެ މުބާރާތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރު އެވެ.

އެ އަހަރު މުބާރާތުގައި ބައިވެރިވީ އެންމެ ދެ އީދުގެ ނަމަވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އެކަމަށް ލިބުނެވެ.

ކުރުނބާ އީދުގެއަކީ ކޮންމެ ބޮޑު އީދު ވިލޭރެއާ ދިމާކޮށް ގޭގައި އޮންނަ ހުސް ތަންކޮޅެއްގައި ހަދައި ކުޑަ ގެ އެކެވެ. މިފަދަ އީދުގެ ތައް އޭރު ހުންނަނީ މައްޗަށް އަށި އަޅާ އަށިމަތީގައި ކުނާ އަޅައި، މެދުގައި ވަސްމުޑިއެއް ޖަހައި ވަށާ ސާޅި އެލުވާފައި އެވެ. އަދި ކަރުދާސް ފޮއްޓެއްގައި ދިއްލުމަކާ އެކީ އަރަބިން އީދު މުބާރަކް ލިޔެފަ ހުރެ އެވެ.

އީދުގެ ތަކަށް ޒިޔާރާތްކުރާ ކުދިންނަށް މުރަނު ރޮއްޓާއި ކާށިފޮތި، ކަށިކެޔޮ ފަދަ ތަކެތި ދީ އުޅެ އެވެ. އަދި ބިލެއް ގަނޑެއް ހިފައިގެން ދިއުމުން އަންހެން ކުދިންނަށް ކުރުނބާވެސް ބައެއް އީދުގެ ތަކުން ދެ އެވެ. ނުވަދިހާގެ އަހަރުތަކުގައި އީދުގެތައް ޒަމާނީވެ އެކި ދިއްލުންތަކާއެކު އެކި ކޮންސެޕްޓަށް ހަދާފައި ހުއްޓެވެ. އެހެންނަމަވެސް ދެ ހާހުގެ އަހަރުތަކުގައި އީދުގެ އެޅުން ހުއްޓުނެވެ.

މި ސަގާފަތް އަލުން ދިރުވާ އާލާކޮށް އީދުގެތައް މެދުވެރިކޮށް ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ މަގުސަދުގައި ސިޓީ ކައުންސިލުން ކުރިއަށްގެންދާ މި އީދުގެ މުބާރާތް މިއަހަރުވެސް ކުރިއަށްގެންދަން ނިންމާފައިވާއިރު މުބާރާތުގައި ބައިވެރިވެވޭނީ ޖޫން 7 ވަނަ ދުވަހުގެ ކުރިން މުބާރާތުގައި ރަޖިސްޓްރީވާ ފަރާތްތަކެވެ. މުބާރާތުގައި އަމިއްލަގޮތުންނާއި ކުލަބު ޖަމިއްޔާތަކުން، ގުރޫޕްތަކުންނާއި މުވައްސަސާތަކުންވެސް ބައިވެރިވެވިދާނެ އެވެ.

މިއަހަރުގެ މުބާރާތުގައި އެއްވަނައަށްދާ އީދުގެ އަކަށް 3000 ރުފިޔާ އަދި ދެވަނައަށްދާ އީދުގެއަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އީދުގެ ތަކަށް ވަނަ ދިނުމުގައި ސަގާފަތާއި އުފެއްދުންތެރިކަމާއި ރީތިކަމާއި އީދުގޭގެ ހިދުމަތްތަކާއި މަސައްކަތްތެރިންކަން އަދި ހުށަހަޅައިދިނުމަށް ބަލާނެ އެވެ.

މުބާރާތުގައި ވަނަ ދިނުމުގައި 70 އިންސަތަ މާކްސް ދޭނީ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލަކުންނެވެ. ބާކީ 30 އިންސަތަ މާކްސް ދޭނީ ސޯޝަލް މީޑިއާގައި އެންމެ ގިނަ ޝެއާ އާއި ލައިކްސް ލިބޭ އީދުގެއެއް ބަލައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355