ކުޅުދުއްފުށީ ކުނިކޮށީގައި ޖަމާވެފައިވާ ބޮޑު ކުނިގޮނޑު ރަށުން ބޭރުކުރުމުގެ މަސައްކަތް ކުރިއަށްގޮސް މިހާރު މަޑުޖައްސާލާފައިވަނީ އެއަތޮޅު ކުނބުރުދޫގައި ރޭމްޕާއި ޖެޓީގެ މަސައްކަތް ކުރަމުންދާތީކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން ހާމަކޮށްފި އެވެ.
އުތުރުގެ ރަށްތަކުގައި އުފެދޭ ކުނި ބޭރުކުރުމަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރަނީ ހދ ކުނބުރުދޫގަ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު އަންނަނީ ކުރަމުންނެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކުނިކޮށީގައި ހުރި ކުނިތައް ކުނބުރުދޫއަށް ގެންދިޔުމުގެ މަސައްކަތް ވެމްކޯ އިން ފެށީ މިއަހަރުގެ ޖެނުއަރީމަހު އެވެ. އެކަމަކު އެ މަސައްކަތް ފެށިތާ ދެ މަސްނުވަނީސް މަސައްކަތް ހުއްޓުނެވެ.
މިކަމާ ގުޅިގެން ކޭއޯއަށް މައުލޫމާތު ދެމުން ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ކުނިތައް ރަށުން ބޭރުކުރުމުގެ މަސައްކަތް މަޑުޖައްސާލީ ކުނިތައް ހުސްކުރާ ރަށްކަމުގައިވާ ކުނބުރުދޫގައި ޖެޓީ އާއި ރޭމްޕްގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
"ކުނބުރުދޫގެ ޖެޓީ އާއި ރޭމްޕްގެ މަސައްކަތްކުރިއަށްދާތީ އެމްޓީސީސީގެ ރިކްއެސްޓަކަށް މަޑުޖައްސާލީ." ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މަސައްކަތް ނިންމާލިހާ އަވަހަކަށް ކުޅުދުއްފުށިން ކުނި ބޭރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިވަގުތު ވެމްކޯ ކުޅުދުއްފުށީގެ ކުނިކޮށި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީ ހާމަކުރާ ގޮތުގައި ކުނބުރުދޫގައި ގާއިމުކުރާ ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސަތަ މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ކުނި ޖަމާކުރާ ޝެޑްގެ ރޫފިންގ މަސައްކަތްތައް ކަމަށެވެ.
ކުނިކޮށި މެނޭޖްކޮށް ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ކުރަމުންދަނީ އެއްބަސްވުމުގެ އެންމެ ފަހު މަރުހަލާ އެވެ.