ކުޅުދުއްފުއްޓަށް ދިމާވެފައިވާ ޒަމާންވީ ކުނީގެ މައްސަލަ ހައްލު ހޯދުމުގެ ގޮތުން ކުރީގެ ސަރުކާރުންނާއި މިސަރުކާރުން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް މޭޔަރު މުހައްމަދު އާތިފް ޝުކުރު ދަންނަވައިފި އެވެ.
ވެމްކޯގެ ހިދުމަތްތައް ރަސްމީކޮށް ކުޅުދުއްފުށީ ފެށުން ފާހަގަކުރަން ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މިއަދަކީ އަނެއްކާވެސް ކުޅުދުއްފުށީގެ ތާރީހުގައި މުހިންމު ދުވަހެއް ކަމަށާއި ރަށަށް ދިމާވެފައިވާ ޒަމާންވީ ކުނީގެ މައްސަލައިގެ ހައްލެއްގެ ފެށުން ފާހަގަކުރާ ދުވަހެއްކަމުގަ އެވެ.
ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފެންވަރުގައި އާއި ސިޓީ ކައުންސިލްގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލް އުފެދި ކުނިގޮނޑުގެ ވަށާފާރު ރާނާ ލައިޓް ހަރުކޮށް ސެކިއުރިޓީ ޕޯސްޓް ގާއިމުކޮށް ކުނިކޮއްޓެއް ހެދި ކަމަށެވެ.
އަދި އޭގެ ފަހުން 2023 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ކުނި މެނޭޖްކުރުމަށް ސިޓީ ކައުންސިލާއި ވެމްކޯ އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވި މަސައްކަތް ފަށައި ގަނެވުނު ކަމަށެވެ.
"މިއަދު ހަގީގަތަކަށް ވެގެން މިދަނީ ހަގީގަތުގައި އެދުވަހު ސޮއިކުރެވުނު އެގްރިމެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް ފެށޭ މަސައްކަތް. އެހެންކަމުން މިފުރުސަތުގައި އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުންވޭ ކުރީގެ ސަރުކާރުގެ އިސްވެރިންނަށާއި އަދި ވަކިން ހާއްސަކޮށް މި މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދަވާ ދެއްވީތީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ވަކިން ހާއްސަ ވެމްކޯގެ އެމްޑީއަށާއި މެނޭޖްމެންޓަށް ޝުކުރުއަދާކޮށްލަން ބޭނުންވޭ." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.
މިވޭތުވެދިޔަ މުއްދަތުގައި ވެމްކޯއާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަކަމަށާއި ވެމްކޯގެ އެމްޑީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި ވެމްކޯގެ އެމްޑީ އާއި ނޯތް ރީޖަންއަށް ކަނޑައަޅާފައި ހުންނަވާ ޑީއެންޑީ ކުޅުދުއްފުށީގެ ކަންކަން ގާތުން ބެއްލެވިކަމަށް މޭޔަރު ވިދާޅުވި އެވެ.
ރައްޔިތުންގެ ކިބައިން މޭޔަރު އެދިވަޑައިގެންނެވީ ކުޅުދުއްފުއްޓަކީ ސާފުތާހިރު ރަށެއް ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދިނުމަށެވެ. ވެމްކޯގެ ޓީމަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުންދީ އެ ފަރާތްތަށް ވީހާވެސް ފަސޭހަވާނެ ގޮތަށް ގޭބިސީތަކާ ހަމައިން އިންތިޒާމު ހަމަޖައްސައިދުމަށް އެދިލެއްވި އެވެ. ހިދުމަތުގެ ކާމިޔާވީއަކަށްވާނީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުންކަމުގައި މޭޔަރު ފާހަގަކުރެއްވި އެވެ. އަދި މީގެ އިތުރުން ޅަ ޖީލަށް ކުންޏާ މެދު އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށްވެސް މޭޔަރު އެދިލެއްވި އެވެ.